ޚަބަރު

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 332،529އަށް އަރައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް މީހުން ކިއު ހަދާފައި / ފޮޓޯ: ފެށުން

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 545 މީހުން ފުރިހަމަ ކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 332،529އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 391،153އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 73 މީހުން ޖަހައިފައި ވެއެވެ. މާލެ ސަރަހައްދުން 56 މީހުން ފުރިހަމަކޮށްފައިވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 438 މީހުން ފުރިހަމަކޮށްފައިވާއިރު މާލެ ސަރަހައްދުން 107 މީހުން ޖަހާފައިވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް ހުސްވުމާއެކު، އެ ވެކްސިން އާންމުކޮށް މިހާރު ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!