މަތިވެރިއަށް ޖާބިރު އެރުމުން ހަމަލާ ދީފި، މިވަގުތު ހުރީ ފުލުސް އޮފީހުގެ ހިމާޔަތުގައި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް އެރުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާ ދީފިއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް “ދެން”އަށް މަޢުލޫމާތު ދިން މީހަކު ބުނީ ޖާބިރު އެ ރަށަށް އެރުމުން ޒުވާނުންތަކެއް ވެގެން އޭނާއާ ދިމާކުރި ކަމަށެވެ. އަދި ޖާބިރު ގައިގައި ޖެހި ކަމަށާއި އިއްޔެ މަތިވެރި ކައުންސިލްގެ ރައީސްއަށް ގުޅައި ބޭއަދަބީ ބަހުން ޖާބިރު ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޖެހި ތަން “ދެން”އަށް މައުލޫމާތު ދިން މީހާއަށް ފެނިފައި ނުވާ ކަމަށް ބުންޏެވެ.
“ދެން”އަށް މަޢުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒް ވިދާޅުވީ ސީދާ ޖާބިރު ގައިގައި ބަޔަކު ޖެހި ކަމެއް އެނގިފައި ނުވާ ކަމަށާއި ރަށުގެ ބަޔަކު އެއްވެގެން އިހުތިޖާޖު ކުރި ކަމަށެވެ. މިވަގުތު ވެސް ފުލުސް އޮފީހުގެ ބޭރުގައި ރައްޔިތުން އެއްވެ އިހުތިޖާޖު ކުރަމުންދާ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.
“އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަށުގެ ބަޔަކު އެއްވެގެން ޖާބިރު ރަށަށް އައި ވަގުތު އިހުތިޖާޖު ކުރި. ޖާބިރު ގައިގައި އެއްވެސް މީހަކު ޖެހި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވޭ. މިވަގުތު ޖާބިރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި. މިހާރުވެސް ފުލުސް އޮފީހުގެ ބޭރުގައި އިހުތިޖާޖު ކުރަމުން ދަނީ” ނާފިޒް ވިދާޅުވިއެވެ.
މިވަގުތު ޖާބިރު ހުންނެވީ އެރަށުގެ ފުލުހުންގެ އިދާރާގެ ހިމާޔަތުގައެވެ. ޖާބިރަށް ހަމަލާ ދިން ނަމަވެސް މިހައިތަނަށް އޭނާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.