ޚަބަރު

މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު: ރައީސް ޞާލިޙް

ދެން އެމްވީ ، ދެން އޮންލައިން

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމުން ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫން ކަމަށް މުޅި ދުނިޔެ ހެކިވެފައިވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އދ.ގައި ދިވެހި ބަހުން މިރޭ ދެއްވި ތަގުރީރުގައި ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު މިއަދު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިސްތިއުމާރީ ބާރުތައް ރޫޅެމުންދިޔަ އެ ދުވަސްވަރު، ކުދި ގައުމުތަކުން އދ.އާ ގުޅުމަށް ބޮޑެތި ގައުމުތަކުން ރުހޭނެ ކަމާ މެދު އޭރު ޝައްކު އުފެދިފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދަނީ ދިވެހި ބަހުން ކަމަށެވެ.

"ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތު އަދި އެކަމުގެ ކުފޫ އަޅުގަނޑުމެންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ އޮތް ސުވާލު. އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިމަޖިލީހުގެ ރިޔާސަތާ މުހާތަބުކޮށް އަޅުގަނޑު ވާހަކަ މިދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހި ބަހުން،" ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި ވިދާޅުވީ ރާއްޖެއަށް އދ.ގެ މެންބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ގައުމުތަކުގެ ރައުޔަކީ އެ ދުވަހު ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ސުވާލު ކަމަށެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުުމުގެ ގާބިލިއްޔަތު އަދި އެކަމުގެ ކުފޫ ދިވެހިންގެ ކިބައިގައި ހަމަވޭތޯ ނުވަތަ ނޫންތޯ އޮތް ސުވާލު ކަމަށެވެ.

"އެއީ އަމިއްލަ ހިތްވަރާ މިންނަތުން، ބައްރުތައް ހިންދެމިލައި، އެތަކެއް ގައުމު އަލަށް އުފަންކުރުވި، ރަންޒަމާން. އެއީ ތަހުޒީބާ ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާން. އޭރުގެ ހައްސާސް އިހުސާސަކީ، ކުދި ގައުމުތަކުން އދ.ގެ ސަފަށް އެރުމަށް، ބޮޑެތި ގައުމުތަކުގެ ރުހުން ލިބުމާ ނުލިބުމުގެ މައްޗަށް އޮތް އިހްސާސް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަކީ ދިވެހި ގައުމަށް ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ. ރައީސް ވަނީ ޝާހިދުގެ ރިޔާސަތަށް ޕްރެޒިޑެންސީ އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަންދެއްވީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!