ރާއްޖޭގެ ފުރަތަމަ ކެންސަރު ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެއިން ލިބޭ ސިއްހީ ހިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަަށުން ހިންގާ ހޮސްޕިޓަލެއްގައި ރާއްޖޭގެ ފުރަތަމަ ކެންސަރު ބަލީގެ ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި އިންޑިޔާއާއި އިނގިރޭސިވިލާތުގެ ކުންފުންޏަކާ ގު

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލެއްގައި، ރާއްޖޭގެ ފުރަތަމަ ކެންސަރު ސެންޓަރު ގާއިމުކުރުމަށް އިންޑިއާ އާއި އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓޮމް ހައިން (Quantum High) ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ސޮއިކުރެއްވިއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޗިމްޓަން ސޯނީއެވެ. މި ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ޤީލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖޭން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު މަދުކޮށް، ފެންވަރު ރަނގަޅު ޚިދުމަތް ރާއްޖޭން ލިބޭނެ މަގު ފަހިކުރުން ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ހިމެނޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ރާއްޖޭގައި ނެތް ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއާ މެޑިސިން އަދި ޕެޓް ސީޓީ ފަދަ މުހިންމު ހިދުމަތްތައް މި މަރުކަޒާ އެކު ތައާރަފުވެގެންދާނެއެވެ. މަރުކަޒުގައި ކެންސަރުގެ ހާއްސަ އޮޕަރޭޝަން ތިއޭޓަރުތަކާއި، ކީމޯ ތެރަޕީ ޔުނިޓުތަކާއި، ބަލިމީހުން އެދުމަތިކުރާނެ ވޯޑުތަކުގެ އިތުރުން 3D-CRT އާއި IMRT ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރާނެއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު 2028ވަނަ އަހަރުގެ ކުރިން ނިންމައި ޚިދުމަތް ދޭން ފެށުމެވެ. މި މަރުކަޒުގެ ސަބަބުން ބަލިމީހުންނާއި ޢާއިލާތަކުން އުފުލާ މާލީ އަދި ނަފްސާނީ ބުރައަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.





ކޮމެންޓް