ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސްވިޒަރލެންޑުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްވިޒަރލެންޑްގެ ރައީސް، ހިޒް އެކްސެލެންސީ ޕާރމެލިންއާ ބައްދަލުކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ މިއަދު އ.ދ.ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވައިފައެވެ. އެގޮތުން ކޯވިޑް-19އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ބޭފުޅުން ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްވިޒަރލެންޑުގެ ކޯވިޑްގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވައިލުމަށް ޓަކައި ސަރުކާރުން އަޅައިފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ މަޢުލޫމާތު ސްވިޒަރލެންޑްގެ ރައީސްއާ ޙިއްޞާކުރައްވައިފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ދެ ޤައުމުގެ ރައީސުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯވިޑް-19 ޓްރެވަލް ސެޓްފިކެޓްގެ ނިޒާމެއް ޤާއިމުކުރުމަށް ދެ ބޭފުޅުން ވަނީ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމުގެ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު ސްވިޒަރލެންޑްގެ ރައީސްއާ ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން، ކްލައިމެޓް އިމަރޖެންސީއާ ބެހޭ ގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ކުރިމަތިވާ ކްލައިމެޓް ފައިނޭންސިންގެ މައްސަލަ ޙައްލުކޮށްދިނުމަށް ޔޫރަޕުގެ ޢިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވައިފައެވެ.

ސްވިޒަރލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030ގެ ނިޔަލަށް 45 އިންސައްތަ ދަށްކުރުމާއި، އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ޙާޞިލުކުރުމުގެ އަމާޒަށް ޤައުމުތަކުން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއްގެ ވެރި ޤައުމުތަކަށް ކްލައިމެޓް ފައިނޭންސިންގެ ފުރުސަތުތައް ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ޓެރަރިޒަމާއި، ޙައްދުފަހަނަ އަޅައިދިއުމުގެ ހުރިހާ ބާވަތެއްގެ ޢަމަލުތައް ހުއްޓުވުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ދިވެހިރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ސްވިޒަލެންޑްގެ ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ސްވިޒަރލެންޑާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1981 ޖޫން 23 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!