ޚަބަރު އިޖުތިމާޢީ

ފައުޒިއްޔާއާއި ރަޝީދާ އިންޑިޔާ ޖަލަށްލީ މައްސަލަ: ސީބީއައިގެ ޓީމެއް ރާއްޖެއަށް އަންނަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
1994 ވަނަ އަހަރު ފައުޒިއްޔާއާއި ރަޝީދާ ހައްޔަރުކޮށްގެން ގެންދަނީ

1994ވަނަ އަހަރު އިންޑިޔާގެ ކެރަލާގައި، ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަންއާއި އިތުރު ދިވެއްސެއްކަމުގައިވާ މަރިޔަމް ރަޝީދާ، ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ނުހައްގުން ޖަލަށްލި މައްސަލައިގެ ތަހުގީގަށް އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުގައި ސީބީއައިގެ ޓީމް ރާއްޖެއަށް އަންނަނީ ނުހައްގުން ޖަލަށް ލުމަށް ފަހު އެތަކެއް އަނިޔާތަކެއް ދިން މަރިޔަމް ރަޝީދާގެ ބަޔާނެއް ނެގުމަށެވެ. އަދި މިމައްސަލައިގައި ފައުޒިއްޔާގެ ބަޔާންނެގުމަށް ވެސް އެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ފައުޒިއްޔާ މިހާރު ދިރިއުޅެމުން ދަނީ ސްރީލަންކާގައެވެ.

މިމައްސަލައިގައި ފައުޒިއްޔާއާއި ރަޝީދާގެ އިތުރުން އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ)ގެ ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރާޔަނަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަންގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ޖަލަށް ލައި ނުހައްގުން އެތައް އަނިޔާތަކެއްދީފައިވާއިރު ސީބީއައިއިން ކުރިއަށް ގެންދިޔަ ތަހްގީގުން ފަހުން އެނގުނު ގޮތުގައި އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެކެވެ.

އެހެންވެ، އެ މީހުން ދޫކޮށްލިއެވެ. އަދި ކެރަލާ ސްޓޭޓްގެ ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސީބީއައިއަށް މި އަހަރު އެންގުމުން ކެރަލާގެ އޭރުގެ ފުލުހުންގެ ވެރިންގެ މައްޗަށް ސީބީއައިއިން މިހާރު ގެންދަނީ ތަހުގީގު ހިންގަމުންނެވެ.

ސީބީއައިިގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސީބީއައިއިން ރާއްޖެ އަންނަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށެވެ. އަދި މިހާރު ސްރީލަންކާގައި ދިރިއުޅޭ ފައުޒިއްޔާގެ ބަޔާން ނެގުމަށް ސީބީއައިއިން މަސައްކަތް ކުރާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!