ޚަބަރު

ޕީސީއާރް ޓެސްޓާ ނުލައި މިހާރު 60 ރަށަކަށް ދެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

ޕީސީއާރް ޓެސްޓް ހަދަން ނުޖެހި ބައެއް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ނިންމި ނިންމުމުގެ ދަށުން މި ވަގުތު 60 ރަަށަކަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން އާންމު ކުރި، ރާއްޖޭގެ ރަށްތަކުގެ ވެކްސިން އާބާދީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައި ވަނީ 63 ރަށަކުންނެވެ. ނަމަވެސް އޭގެ ތެރެއިން ފަސް ރަށެއް މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެގޮތުން މޮނިޓަރިންގައި މިވަގުތު އޮތީ ބ. މާޅޮސް، ކ. ގުޅި، ކ. ގާފަރު، ގއ. ވިލިނގިލީ އަދި ގއ. މާމެންދުއެވެ.

މި ރަށްތަކުގެ ތެރެއިން ތިން ރަށެއްގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ ޕީސީއާރް ޓެސްޓާ ނުލައި ދަތުރު ކުރެވޭނީ 60 ރަށަކަށެވެ.

އާބާދީގެ ފަސް ޕަސަންޓަށް ވުރެ މަދުން ކޮވިޑް-19އަށް ފައްސި މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާ ނަމަ ޕީސީއާރް ޓެސްޓާ ނުލައި މިމަހު އެކަކު ފެށިގެން ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

މީގެ އިތުރުން އެ މީހަކު އެ ދާ ރަށެއްގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާ ނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 90 ޕަސަންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 391153 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ހަމަކޮށްފައެވެ. އަދި 332529 މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!