ދެކުނުގެ ރަށެއްގައި ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ފަރުވާދެނީ
ދެކުނުގެ ރަށެއްގައި ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ބޭސްތަކެއް ކައިގެން ފަރުވާ ހޯދަމުން ދަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށެވެ.
ޖެންޑާގެ ބެލުމުގެ ދަށުގައި ހުރި އެ ކުއްޖާ ކައިފައި ވަނީ ކޮން ކަހަލަ ބޭހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އެ ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ ހޮސްޕިޓަލުގައި މިވަގުތު އެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށާއި، ހޮޅި ގުޅައިގެން ބޭސްތައް ނެގުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ.
ކުއްޖާގެ އާއިލާގެ ފަރާތުން އިތުރަށް ބުނީ އެ ކުއްޖާ ބޭސްތައް ކައިގެން މަގުމައްޗަށް ވެސް ނިކުތް ކަމަށާއި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނާއި، ޖެންޑާ އަދި އާއިލާއިން ކަމަށެވެ.