ނަޝީދުގެ ފެކްޝަން ބަލިކޮށް، އެމްޑީޕީގެ އިސްލީޑަރުގެ ސައިޒް ރައީސް ނަޝީދަށް ދައްކާލައިފި

އިއްޔެ ކުރިޔަށް ދިޔަ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބަލިކޮށް، ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރި ހޯއްދަވައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެމުން ރައީސް ޞާލިޙްގެ ފެކްޝަންގެ މެންބަރަކު ވިދާޅުވީ، މި އިންތިޚާބުގައި ވާދަކުރި 97 ގޮނޑީގެ ތެރެއިން މިހާތަނަށް 65 ގޮނޑި ނެގީ އެ ފެކްޝަނުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބިފައި ވަނީ އެންމެ 33 ގޮނޑިއެވެ.
ބަރުލަމާނީ ބަހުސްއާ އެކު އެމްޑީޕީ ދެފަޅިވިއިރު، މިއީ އެ ޕާޓީގެ ވަރު ހުރި ފަޅި ރައްޔިތުންނަށް ހާމަވެގެން ދިޔަ އިންތިޚާބެކެވެ.
އެމްޑީޕީގެ ގައުމީމަޖިލީހުގައި 141 މެމްބަރުން ތިބޭއިރު، އިއްޔެ އޮތް އިންތިޚާބުގައި އިންތިޚާބު ކުރި ގޮނޑީގެ އިތުރުން އިންތިޚާބަކާ ނުލާ ބައެއް ކެނޑިޑޭޓުންގެ ގޮނޑިތައް ކަށަވަރުވެފައިވެއެވެ. ރައީސް ޞާލިޙަށް 65 ގޮނޑި ކަށަވަރުވުމާ އެކު، ޤައުމީ މަޖިލީހުގައި ރައީސް ޞާލިޙް ކޮންޓްރޯލް ކުރައްވާ ގޮނޑީގެ އަދަދު 100އިން މައްޗަށް އަރާނެއެވެ.
މިއަދު ކުރިޔަށް ދިޔަ އިންތިޚާބުގައި ކެބިނެޓްގައި ހިމެނޭ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. މިގޮތުން ވަޒީރުންގެ ތެރެއިން ވާދަކުރި ތިން ފަރާތް ވެސް ވަނީ އިންތިޚާބުވެފައެވެ. އެއީ އެކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ފިނޭންސް މިނިސްޓަރ އަމީރުގެ އިތުރުން ޔޫތު މިނިސްޓަރ މަޙްލޫފެވެ. ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ތެރެއިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު, އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ އިންތިޚާބުގައި ކާމިޔާބީ ހޯއްދަވައިފައެވެ.





.webp)
ކޮމެންޓް