Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އުފާވެރިކަމަށް އޮތް 7 ސިއްރު!

އުފާވެރިކަމަށް އޮތް 7 ސިއްރު!

ދިރިއުޅުމަކީ އަޑިގުޑަން ގިނަ ދަތުރެކެވެ. މި ދަތުރުގައި އެންމެން ވެސް އެދެނީ އުފާވެރިކަމަށެވެ. ހިތްހަމަޖެހުމަށެވެ. ތަކްލީފެއް ނެތް އަމާން އޮމާން ރީތި ދިރިއުޅުމަކަށެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެ ފަދަ ދިރިއުޅުމަކީ ބޭނުންވާ ކޮންމެ އެއްޗެއް ވަގުތުން ގަނެވޭ ، ބޭނުންވާ ކޮންމެ ކަމެއް ފަސޭހައިން ކޮށްލެވޭ ފަދަ ތަނަވަސް ދިރިއުޅުމެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ހިތް ފަސޭހަ ދިރިއުޅުމަކީ ހިތުގެ މުއްސަނދިކަން އޮންނަ ފިކުރު ބޮޑުވުމާއި ހިތްދަތިކަމާ ދުރު އުފާވެރި ދިރިއުޅުމެވެ.

މިފަދަ ދިރިއުޅުމެއް ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް އޮތް މަގަކީ ކޮބައި ހެއްޔެވެ؟ މި ބަޔާންކޮށްލާ ހަތްކަމަކީ ދިިރިއުޅުމުގެ ހަމަ ކޮންމެ ކަމެއްގައި ވިސްނަން ޖެހޭ ކަންކަމެވެ. އުނދަގޫ ނިންމުންތައް ނިންމުމުގައްޔާއި ކޮންމެ ދުވަހެއްގެ މުޢާމަލާތްތަކުގައި މިކަންކަމަށް ފަރުވާތެރިވެއްޖެ ނަމަ ، ތިޔަ ހިތް އެދޭ އުފާވެރި ދިރިއުޅުން ފައިބުޑަށް އަންނާނެއެވެ.

މާޒީއަކީ މާޒީއެވެ.

Advertisement
Ooredoo — Truecaller (box)

ހެޔޮ މީހަކަށް މީހާ ބަދަލު ވަނީ ގޯސްތަކެއް ވެސް ހެދިގެންނެވެ. މާޒީގައި ހެދިފައި އޮތް ގޯސްތަކަކީ މުސްތަގުބަލަށް އޮތް ހުރަހެއް ނޫނެވެ. އެއީކީ އެކަމާ މެދު ވިސްނައި ކަންބޮޑުވާންވީ ކަމެއް ވެސް ނޫނެވެ. އެހެންކަމުން މާޒީ ، މާޒީއަށް ދޫކޮށްލާށެވެ. އިސް އުފުލާލައި މިއަދައިގެން ކުރިއަށް ދާށެވެ. ރަނގަޅު ގޮތުގައި ދެމި ހުންނާށެވެ.

އެހެންމީހުން ދެކޭ ގޮތަކީ ތިމާއާ ބެހޭ ކަމެއް ނޫން

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ފަދައިން ނުރުހުމުގެ ލޯތަކަށް ފެންނާނީ މުޅީން ވެސް އައިބެވެ. ވީއިރު އެހެން މީހުން ތިމާއާ ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ ހޯދައި ބަލައި އެކަންކަމުގެ ފަހަތުން ދުވުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ. ޙައްޤުގައި ހުރި ނަމަ ހިނިތުންވުމާއެކު ކުރިއަށް ދާށެވެ. ފަހަތް ބަލައި ތިމާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ކާކުތޯ ބެލުމެއް ނެތެވެ.

ހައްލަކީ ވަގުތު

ދިރިއުޅުމަކީ ކަޅާއި ހުދުގެ ދުވަސްތަކެކެވެ. ކޮންމެ ދުވަހަކީ އަވިދޭ ރީތި ދުވަހެއް ވެސް ނޫނެވެ. ބަނަ ދުވަސްތަކުގެ ހިތްދަތި އިހްސާސްތަކަކީ ވެސް ދިރިއުޅުމުގެ ބައެކެވެ. އެހެންކަމުން އެކަމާ މެދު ފިކުރު ބޮޑު ނުކުރާށެވެ. ވަގުތާއެކު އެ ، ދަތި ކަންކަމަށް ޝިފާ ލިބިގެން ދެއެވެ.

އަޅައި ކިޔުން ، ހިތަށް ބުރަބޮޑު ކަމެއް!

އެކަކު އަނެކަކާ އަޅައި ކިޔުމީ އާންމުވެފައި އޮތް ވަރަށް ގޯސް އާދައެކެވެ. އޭނާގެ ދަރީންނަށް ބޭނުންވާ ކަމެއް ކޮށްދޭ ހިނދު އަހަރެންގެ ދަރީންނަށް ބޭނުންކަމެއް ކޮށެއް ނުދެވެއެވެ. އެއީ ހާދަ ނަސީބު ރަނގަޅު މީހެކެވެ. ނޫން ނަމަ ،އަހަރެން ހަތް މޮޑިއުލް ނިންމިއިރު އޭނާއަށް އަދި އެންމެ މޮޑިއުލެއް ވެސް ނުހެދެއެވެ. އެއީ ހާދަ ވިސްނުން ކޮށި މީހެކެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ތިޔަ ދަށްކޮށްލެވޭ އިންސާނަކީ ތިމާއަށް ވުރެ މާ ހެޔޮ ލަފާ ، މާ މާތް އިންސާނަކަށް ވުން ވެސް ގާތެވެ. އެހެނީ އޭނާ އެ ބަރުދާސްތުކުރަމުންދާ ކަންކަމަކީ ތިމާއަށް އެނގޭ ކަންކަމެއް ނޫނެވެ. އަދި ކިއެއް! އަނެކާއީ ތިމާއަށް ވުރެ މާ އުފާވެރި ދިރިއުޅުމެއް އުޅޭ މީހެއް ކަމަށް ނިންމައި އޭނާގެ ދިރިއުޅުން ތިމާގެ ސިކުނޑީގައި އެނބުރެން ފަށައިފި ނަމަ އެއީ ހިތަށް ނިކަން ބުރަ ބޮޑު ކަމަކަށް ވެދެއެވެ.

ޝަކުވާ، ޝަކުވާ

ޝަކުވާގެ ކަނޑަކީ ގަދަ ކަނޑެކެވެ. އެ ކަނޑުގައި ދުއްވަން ނިންމައިފި މީހަކަށް އެ ނިކުމެވެނީ އުނދަގޫ ދަތުރަކަށެވެ. އެހެންކަމުން ދިރިއުޅުމުގެ އެކި ކަންކަމުން ތިމާއަށް ލިބޭ ނަތީޖާއާއި ތިމާއާ ބައްދަލު ކުރާ ކަންކަމާ މެދު ޝަކުވާ ނުކުރާށެވެ. ފައްސި ވިސްނުމުން ބަނަ ދުވަސްތައް އަލިކޮށްލާށެވެ.

ބަރޯސާނުވުން

ކާމިޔާބީއަކީ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ކާމިޔާބީގައި އެހެން މީހުންގެ އެހީތެރިކަން އޮތް ނަމަވެސް އެއީ އެމީހެއްގެ ވަރުގަދަ ނިޔަތާއި ބުރަ މަސައްކަތުގެ ފޮނިމީރު ކަމެވެ. އެހެންކަމުން ތިމާގެ ހިނިތުންވުމަކީ އަމިއްލަ އަތުގައި އޮތް އެއްޗެއްކަން ދަންނާށެވެ. އެހެން މީހުންނަށް ބަރޯސާ ނުވާށެވެ.

ހިނިތުން ވެލާށެވެ. ތިއީ އަދި ކުޑަ މިންވަރެކެވެ.

ދިރިއުޅުމުގައި އެކި މީހުންނާ ބައްދަލު ކުރާނީ އެކިވަރުގެ ތަކްލީފެވެ. އެކި މިންވަރަށެވެ. ތިމާއަށް ކިތަންމެ ގިނަ ތަކްލީފްތަކެއް ލިބިފައިވީ ނަމަވެސް ފިކުރު ބޮޑު ނުކުރާށެވެ. ދުނިޔޭގެ ހުރިހައި ތަކްލީފެއް ލިބިފައި އޮތީކީ ނޫނެއް ނޫން ހެއްޔެވެ؟ އަދި ތިއަށް ވުރެ މާ ބޮޑު ތަކްލީފްތަކުގައި އުޅޭ މީހުން ނެތީކީ ވެސް ނޫން ހެއްޔެވެ؟

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް