ސުލްތާންގެ ކުއްލި މަރު: ވަކިވެގެން ދިޔައީ ޤައުމު ދެކެ ލޯބިވާ، ނުހަނު އެކުވެރި ޒުވާނެއް

އިއްޔެ މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކީ އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނު ހަދަމުން ދަނިކޮށް، އުމުރުން އެންމެ 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ކުއްލި ގޮތަކަށް ނިޔާވި ޚަބަރެވެ.
ސުލްތާންގެ ނިޔާވި ޚަބަރާ އެކު އޭނާގެ އާއިލާއާއި އެކުވެރިންގެ އިތުރުން، މުޅި ދިވެހި ޤައުމަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެކަން މުޅި މީސްމީޑިއާ ވެސް އިއްޔެއިން ފެށިގެން ހެކިދެއެވެ. ސުލްތާން ނިޔާވީ އެއްވެސް ބަލިމަޑު ކަމެއް ހުރެގެން ނޫން ކަމަށް ވެސް އޭނާގެ ގާތް މީހުން ބުނެފައިވެއެވެ.
އއ. ހިމަންދޫއަށް ނިސްބަތްވާ ސުލްތާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިއެވެ. އޭނާއަކީ އަބަދުވެސް ވަރަށް ބަސްއަހާ، ކިޔަމަންތެރި އަދި އެންމެންނާ ވެސް ގުޅޭ ނުހަނު އެކުވެރި މިޒާޖެއްގެ ވެރިއެއްކަން، ސުލްތާން ދަންނަ އެންމެންހެން ފާހަގަ ކޮށްފައިވެއެވެ.
އަސްކަރީ ތަމްރީނު ހަދަމުން ދަނިކޮށް އިއްޔެ މެންދުރު ސުލްތާން ނިޔާވީ، ދިވެހި ޤައުމަށް ހިދުމަތް ކޮށްދޭނެ ކަމުގެ ފޮނި ހުވަފެންތައް ދެކެމުން ދަނިކޮށެވެ. އޭނާއަކީ ޤައުމުދެކެ ނުހަނު ލޯބިވާ ބަޠަލެއްކަން ވެސް އޭނާ ދަންނަ މީހުން ފާހަގަ ކޮށްފައިވެއެވެ.
ސުލްތާނަށް ތައުރީފު ނުކުރާ އޭނާގެ އެކުވެރިއަކު ނެތެވެ. އެންމެން ވެސް ބުނާ ގޮތުގައި ސުލްތާނަކީ އެންމެންގެ މޫނު މައްޗަށް ވެސް އުފާވެރިކަން ގެނެސްދިން ޒުވާނެކެވެ. އެތަކެއް ހިތެއް ރޮއްވައިލައިފައި މިއަދު ސުލްތާން އަހަރުމެންނާ ވަކިވިޔަސް، ހަމަ ޔަގީނުން ވެސް އެހަނދާންތައް އެކަކުގެ ހިތަކުން ވެސް ނުފިލާނެއެވެ.
ސުލްތާނުގެ ހަނދާނުގައި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެކަމަނާ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ސުލްތާނަކީ ނުހަނު ހިތްވަރުގަދަ ޒުވާނެއް ކަމަށެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އެވެ އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون