ގެމަނަފުށީ މަސްވެރިންތަކެއް ކޮވިޑަށް ފައްސިވެއްޖެ

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ގއ. ގެމަނަފުށީގެ މަސްވެރިންތަކެއް ކޮވިޑަށް ފައްސިވެއްޖެއެވެ.
ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ގެމަނަފުށީގައި މިހާރު ވެސް މި ބަލި ޖެހިފައިވާ 120 މީހުން ތިބި އިރު އޭގެ ތެރެއިން 30އަށް ވުރެ ގިނަ މީހުންނަކީ މަސްވެރިން ކަމަށް މައުލޫމާތު ލިބެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލު ރައީސް އިބްރާހިމް ނާޝިދު މިއަދު ވިދާޅުވީ މި ފަހަރު އެ ރަށުގައި ކޮވިޑް ފެތުރެން ފެށީ މަސްދޯނިތަކުން ކަމަށާއި ކޮންމެ ދޯންޏަކުން 3-4 މީހުންނަށް މިހާރު ވެސް ބަލި ޖެހިފައިވާ ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި ގެމަނަފުށީގައި ކޮވިޑަށް ގިނައިން ފައްސިވެފައި ވަނީ ބިދޭސީންނެވެ. ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ފައްސި ވެފައިވީ ނަމަވެސް، އެ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށް ވެސް ކައުންސިލު ރައީސް ވިދާޅުވިއެވެ.