ދުވަހުގެ އުފާވެރިކަން ހޯދުމަށް މިކަންކަން ކުރުން ވަރަށް މުހިންމު!
ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެކެވެ. ތަފާތު މީހުންނާ ބައްދަލުވެ ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ނަމަވެސް ކޮންމެ ދުވަހަކީ ވެސް ރަނގަޅު ގިނަ ކަންކަން ޙާޞިލް ކުރެވޭ ދުޅަހެޔޮ ދުވަހަކަށް ހެދުމަކީ ތިމާގެ އަތްމަތީގައި އޮތް ކަމެކެވެ. އެ ގޮތުން މިކަންކަމަށް ވިސްނައިގެން މަސައްކަތް ކޮށްފިނަމަ ކޮންމެ ދުވަހަކީ ވެސް ފައިދާތަކެއް ހޯދޭ ބާއްޖަވެރި ދުވަހަކަށް ހެދިދާނެއެވެ.
ހެނދުނުގެ ބަރަކާތް ލިބިގަންނާށެވެ.
ކާމިޔާބު ދުވަހެއް ފެށުމަށް އޮތް އެންމެ މުހިންމު ކަމަކީ ހެނދުނުގެ ބަރަކާތް ލިބިގަތުމެވެ. ފަތިސްނަމާދުގެ ޘަވާބު ލިބިގަނެ ދިރިއުޅުމުގެ ކަންކަމަށް އެނބުރިގަތުމަކީ ދުވަސް ކާމިޔާބުވުމުގެ އެންމެ ބޮޑު އަޞްލެވެ.
ނިޢުމަތްތަކާ މެދު ޝުކުރުވެރިވާށެވެ.
އެކި މީހުންނަށް ލިބިފައި ވަނީ އެކި މިންވަރުގެ އެކި ނިޢުމަތްތަކެވެ. އެހެންކަމުން އުފާވެރި ދުވަހެއް ލިބުމުގެ އެންމެ މުހިންމު އެއް ކަމަކީ ތިމާއަށް ލިބިފައިވާ މިންވަރާ މެދު ރުހުމެވެ. ދުވަހުގައި އަނެކާއަށް ލިބޭ ކާމިޔާބާ މެދު ފިކުރު ބޮޑު ނުކޮށް އޭނާގެ ކާމިޔާބީއާ މެދު ވެސް އުފާކުރަން ދަސްކުރާށެވެ.
އުފެއްދުންތެރި އަދި އުފާކޮށްލާ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
ދުވަހުގެ އުފާވެރިކަން އެންމެ ބޮޑަށް ގެއްލިގެންދާ ކަމަކީ ކަންނެތް ވުމެވެ. އުއްމީދު ގެއްލުވައިލުމެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކު ވެސް ތިމާ ހިތްހަމަޖެހޭ ފަދަ ކަމެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެއީ ރަހުމަތްތެރިއަކާ އެކީ ވަގުތު ހޭދަކޮށްލުން ކަމަށް ވިޔަސް ނުވަތަ ފޮތެއް ކިޔައިލުން ނަމަވެސް އެންމެ ރަނގަޅެވެ. ހިތްހަމަޖެހޭ ކަމަކީ އުފެއްދުންތެރިކަމެއް ނަމަ ނުވަތަ އެއީ ކުރިމަގަށް ފައިދާ ހުރި ކަމެއް ނަމަ އުފާވެރިކަން ދެގުނަ ވެގެންދާނެއެވެ.
ކަސްރަތު ކުރާށެވެ. އަދި އަވީގައި ޖެހިލާށެވެ.
އަވީގައި ޖެހިލުމޭ ދެންނެވުމުން ބައެއް މީހުންނަށް މިކަން ޖޯކަކަށް ވެސް ވެދާނެއެވެ. ނަމަވެސް ހެނދުނު ހެނދުނާ ކަސްރަތުކޮށްލައި ހެނދުނުގެ ކުރީކޮޅު ދޭ އަވިން ހަމަށް ފައިދާ ހޯދާ ނަމަ އެއީ ކާމިޔާބު ދުވަހަކަށް އޮތް މަގެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވެސް ހެނދުނުގެ އަތްވަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރި އަތްވެކެވެ.
ކަސްރަތުކޮށް ހެލިފެލިވެ އުޅުމުގެ ބަދަލުގައި ތަނެއްގައި ބަންދުވެ އަވީން މަހުރޫމްވެގެން އޮންނަ މީހާއަށް އެކަމަކީ ދުވަހުގެ ބާއްޖަވެރިކަމަށް ހުރަސް އަޅާ ކަމަކަށް ވެއެވެ.
ކޮންމެ ވެސް އައު ކަމެއް ދަސްކުރާށެވެ.
ދިރިއުޅުން އުފާ ފާގަތި ވެގެން ދަނީ އައު ކަންކަމާ ކުރިމަތިލައިގެންނެވެ، އަދި އައު ކަންކަން ދަސްކޮށްގެންނެވެ. މި ގޮތުން އައު ބަހެއް ދަސްކުރުން ނުވަތަ އައު މައުލޫމާތުތަކެއް ހޯދުން ފަދަ ކަންކަމަކީ ދުވަހުގެ ވަގުތުތައް ބޭކާރުކޮށް ނުލައި އުފާވެރި ދުވަހެއް ހޯދުމަށް ކުރެވިދާނެ ކަންކަމެވެ. މި ފަދަ ކަމެއް އިޚްތިޔާރުކުރާއިރު އެ ކަމަކީ ވަގުތީ ފައިދާއެއް ލިބޭ ކަމެއްގެ ބަދަލުގައި އެކަމުގެ ފައިދާ މުޅި އުމުރަށް ކުރާނެ ކަމެއްކަމަށް ހެދުން ވަރަށް މުހިންމެވެ.
މީހަކަށް ހިނިތުންވުން ހޯދައިދޭށެވެ.
އުފާވެރިކަމަކީ ހަމައެކަނި ފައިސާއިން ހޯދޭ އެއްޗެއް ނޫނެވެ. ކިތަންމެ ކުޑަ ކަމަކުން ނަމަވެސް މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކަމުގެ ހިތްހަމަޖެހުން ވަރަށް ބޮޑަށް ލިބޭނޭ ކަމެކެވެ. މިސާލަކަށް މަގުމަތީން މީހަކަށް އެހީ ފޯރުކޮށްލަދިނުން ، ދެމީހެއްގެ ދެމެދު ސުލްޙަކުރުން ފަދަ ކުޑަކުޑަ ކަމަކުން ވެސް ބަޔާން ކުރަން ނޭނގޭ ފަދަ އުފާވެރިކަން އިހްސާސް ކުރެވި އެކަން އުފާވެރި ދުވަހަކަށް މަގު ކޮށައިދެއެވެ.