ތިލަމާލެ ބްރިޖު: ވިލިމާލެއާއި ގުޅިފަޅު ބްރިޖުން ގުޅާލައިފި
ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލައިފި ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދު ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ ތެރެއިން، ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލައިފި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އިޢުލާނު ކުރައްވައިފިއެވެ.
މި މަޝްރޫޢުގައި ހޯދުނު މުހިންމު ކުރިއެރުން ފާހަގަކުރައްވައި ވަޒީރު ވަނީ މަސައްކަތް ކުރާ އެފްކޮންސް ކުންފުންޏަށާއި ޕްރޮޖެކްޓް ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލާފައި ވަނިކޮށް، މިއަދު ވިލިމާލެ އާއި ގުޅިފަޅު ގުޅާލެވުމަކީ މަޝްރޫޢަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން 500 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މި މަޝްރޫޢުގެ ދުވެލި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އަވަސްކޮށްފައެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބްރިޖުގެ މަސައްކަތް އޮތީ 38 އިންސައްތައިގައެވެ. އޭރު ބްރިޖުގެ ގިނަ ތަނބުތަކުގެ މަސައްކަތް ވެސް ހުރީ ނުފެށިއެވެ.
ތިން ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓް ކަމަށްވާ މާލެ އާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތަށް ފަހު، މިހާރު ވަނީ ދެވަނަ ސެގްމެންޓް ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާ އެކު ނިންމާލާފައެވެ.





ކޮމެންޓް