ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސްކޫލް ކުދިންގެ ލަވަމުބާރާތުގައި ވިދާލި ކުރީގެ ލަވަކިޔުންތެރިޔާ މުޙައްމަދު ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ޝަހުބާންއަކީ މަޝްހޫރު ބޮޑުއަކުރު ލިއުންތެރިޔާ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅަށް)ގެ ކާފަދަރިއެކެވެ. ނިޔާވި އިރު އުމުރުން 53 އަހަރެވެ.
އާއިލާ މީހަކު ބުނި ގޮތުގައި ޝަހުބާން ނިޔާވެއްޖެކަން އެނގުނީ މަޣުރިބު ނަމާދަށް ވުޟޫކުރަން، ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓްގެ ފާޚާނާއަށް ވަން ގޮތަށް ނުނުކުމެގެން، އެމްއެންޑީއެފްގެ ފަޔަރުން ގެންގޮސްގެން ދޮރު ހުޅުވައި ބެލުމުންނެވެ.
ޝަހުބާން ނިޔާވި އިރު، އޭނާގެ ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)އިން ވިދާލި ޝަހުބާން ކިޔައިފައި މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި.." ހިމެނެއެވެ.
ލަވަކިއުން ހުއްޓައިލުމަށް ފަހު ޝަހުބާން ފަހުން ހަރަކާތްތެރިވެފައި ވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕުގެ ޓެކްނިކަލް މީހެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައެވެ.
ޝަހުބާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުން (އަަސަހަރާ މިސްކިތު)ގައެވެ.
ޝަހުބާން ނިޔާވުމުގެ ހިތާމައިގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ފަންނާނުން ވަނީ މީސް މީޑިއާގައި ހިތާމަފާޅުކޮށް، އޭނާގެ މައްޗަށް ހެޔޮ ދުޢާކޮށް އަދި އާއިލާއަށް ތަޢުޒިޔާ ފޮނުވައިފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون