ޖާބިރަށް ހަމަލާދިން މީހުން ދޫކޮށްލަން ގޮވައިލައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގޮވައިލައްވައިފިއެވެ.
ޖާބިރަށް ހަމަލާދީގެން މިިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ އުމުރުން 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖަހައިފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒަރީރު ވިދާޅުވީ ޖާބިރަށް ދިން ހަމަލާއާ ގުޅިގެން މަތިވެރީގައި ވިޔަފާރި ކުރަމުންދާ ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެެ.
"އަޅުގަނޑު ސަރުކާރަށް ގޮވައިލަން އެ ދެ ޒުވާނުން ވަގުތުން ވަގުތަށް ދޫކޮށްލަން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާހަކަ ދައްކަމުންދާ އިރު ވިޔަފާރިކުރަމުންދާ ޒުވާނުން ހައްޔަރުކޮށްގެން އަޅުގަނޑުމެން ކިތަންމެ ގިނަ އިސްލާހެއް ގެނައި ކަމަށްވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ޒުވާނުން ހިތްހަމަ ޖެހޭނެ ކަމަކަށް." މަތިވެރި ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވައެވެ.
މި މަހުގެ 21 ވަނަ ދުވަހު ޖާބިރު އެ ރަށަށް ވަޑައިގެންނެވީ ވިޔަފާރީގެ ކަންކަން ބައްލަވައިލެއްވުމަށް ކަމަށާއި ނަމަވެސް އެ ރަށުގެ ބައެއް މީހުން ޖާބިރާ ދެކޮޅަށް އަޑު އުފުލައި އޭނާ ގައިގައި ޖެހި ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އެ ރަށު ކައުންސިލާއި ރައްޔިތުން އެކަން ދޮގު ކުރެއެވެ.