ޚަބަރު

އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5 މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން ފަސް މިލިއަނެއްހާ ރުފިޔާ ހޯދައިފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

Ads by Sosun Fihaara

އޮޑިޓަރ ޖެނެރަލުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އޮޅުވައިލައިގެން ހޯދައިފައިވާ ފައިސާތަކުގެ ތެރެއިން އަނބުރާ ހޯދިފައި ވަނީ 213,884 ރުފިޔާއެެވެ. އެ ރިޕޯޓުގައިވާ ގޮތުން އޮޅުވައިލައިގެން ހޯދައިފައިވާ ފައިސާގެ އަދަދު 4.97 މިލިއަން ރުފިޔާއަށް އަރައެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދީފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް އަލުން ބަލައި, އެލަވެންސަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެ އެލަވެންސް ދެވިފައިވާ ނަމަ އެ މީހުންގެ އަތުން އެ ފައިސާ އަނބުރާ ދަޢުލަތަށް ހޯދުމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް މިދިޔަ މަހުގެ ތެރޭގައި ވަނީ އަންގައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި, ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ އިންކަމް ސަޕޯޓް, ތައާރަފް ކުރެވިފައި ވަނީ އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭން ފަށައިފައި ވަނީ މިދިޔަ އަހަރު އޭޕްރީލް މަހުން ފެށިގެންނެވެ. ތިން ފިޔަވައްސަކަށް ބަހައިލައިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ އިންކަމް ސަޕޯޓް އެލަވެންސް ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!