ޤައުމީ ކަމެއް ވިޔަފާރިއަކަށް، ޕްރައިވެޓް ޗެނަލްތަކުން ސާފްޗެންޕިއަންޝިޕް ނުފެނިދާނެ

އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ކުޅޭ ސާފް ޗެންޕިއަންޝިޕް މެޗްތައް ރާއްޖޭގެ ޕްރައިވެޓް މީޑިއާތަކުން ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
ސާފް ޗެންޕިއަންޝިޕްގެ މެޗުތަކުގެ ބްރޯޑްކާސްޓިންގް ރައިޓްސް ރާއްޖޭގެ ޕްރައިވެޓް ޗެނަލްތަކަށް ދިނުމަށް ނިންމައިފައިވާ އަގުތައް "ދެން"އަށް ވަނީ ލިބިފައެވެ. އޭގައިވާގޮތުން ކޮންމެ މެޗެއް ބްރޯޑްކާސްޓް ކުރެވޭނީ 15،000 ރުފިޔާ އަށެވެ. އެއީ ސްޕޮންސަރުންގެ އިޝްތިހާރުތަކާ ނުލައެވެ. ސްޕޮންސަރުންގެ އިސްތިހާރުތައް މެޗުގެ ހާފްޓައިމްގައި ވެސް ގެންނަން ބޭނުން ނަމަ މެޗަކަށް 30،000 ރުފިޔާ ދައްކަން ޖެހެއެވެ. މި ރޭޓުން ބަލާނަމަ މިފަހަރު ސާފް ޗެންޕިއަންޝިޕްގައި ކުޅޭ 11 މެޗް ބްރޯޑްކާސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 165،000 ރުފިޔާއެވެ. އަދި ސްޕޮންސަރުންގެ އެޑްތައް ދައްކާނަމަ އެ އަގަކީ 330،000 ރުފިޔާއެވެ.
މި އަގުތަކާ ގުޅިގެން ރާއްޖޭގެ ޕްރައިވެޓް މީޑިއާ ޗެނަލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ދިވެހި ޗެނަލްގެ އެމްޑީ ޔާމީން ރަޝީދު ވިދާޅުވީ، ޤައުމީ ޓީމް ކުޅޭ މިފަދަ މުބާރާތެއްގައި ސަރުކާރުން ހިލޭ ފީޑް ދޭންވާނެ ކަމަށެވެ. އަދި އަހަރަކަށް ފަހު އަހަރެއް ރީބްރޯޑްކާސްޓް ކުރުމުގެ އަގު އުފުލެމުން އަންނަ ކަމަށާއި އެއީ އެކަންވާން ޖެހޭ ގޮތް ކަމުގައި ނުދެކޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރީބްރާޑްކާސްޓިންގްގެ އަގު ބޮޑުވުމުގެ ސަބަބުން ގުޅިގެން މުބާރާތް ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ބޮޑު ޕްރައިވެޓް ޗެނަލެއްގެ އިސް ބޭފުޅަކު ވިދާޅުވީ، ބްރޯޑްކާސްޓް ކުރުމުގެ އަގުތައް ވެސް އަންގައިފައި ވަނީ ވަގުތު ޖެހުމުން ކަމަށާއި ސްޕޮންސަރުން ހޯދައިގެން ސާފްޗެންޕިއަންޝިޕް ދެއްކުމަށް ހުރަސްއެޅިގެން ދިޔައީ ވަގުތު ނެތުމުން ކަމަށެވެ.
"ވަގުތު ކުޑަތަންކޮށްފަ ބުނީ. ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދައަށް ސިޓީއަކުން އެދުނިން ވަރަށް ކުރިން. އަޅުގަނޑުމެން ވާނީ އެފްއޭއެމްގައި ވެސް އެދިފައި ބްރޯޑްކާސްޓް ކުރެވޭނެ ގޮތެއް އޮތްހޭ" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީޑިއާއެއްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ސާފް ޗެންޕިއަންޝިޕްގެ ޕީއާރ ހިންގުމަށާއި ލަވައާއި ވީޑިއޯ ހެދުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން ވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އެފްއޭއެމްއިން ސާފްޗެންޕިއަންޝިޕާ ދިމާކޮށް ޚަރަދު ކުރުމުގައި ވަކި މީޑިއާތަކެއް އިސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ކޮވިޑް-19އާ އެކު ގިނަ ކުންފުނިތަކުން އިޝްތިހާރު ކުރުން މަޑު ޖައްސައިލުމާއެކު މީޑިއާތަކަށް ދިމާވި އަޑިގަނޑުން ނުދެވިގެން އުޅެނިކޮށް، އެފަދަ ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް ރާއްޖޭގައި ހިންގާ ބޮޑެތި ޕްރައިވެޓް މީޑީއާތަކުގެ އިސްވެރިންދަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގެ ބޮޑެތި މީޑިއާތަކުން މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލައިވް ނުކުރާނެ ކަމުގެ ބިރު ހީވެފައިވާއިރު، މިކަން މިގޮތަށް ވެއްޖެ ނަމަ މިއީ ދަނޑަށް ނުދެވި ގޭގައި މެޗު ބަލަން އިންނަ ޤައުމީ ޓީމްގެ 12ވަނަ ކުޅުންތެރިޔާއަށް ދެވޭ ނުހަނު ބޮޑު ނާއިންސާފެއްކަން ޔަޤީނެވެ.





.webp)
ކޮމެންޓް