ދަރިފުޅު ކޮނޑަށް ލައިގެން މަންމަ ދިޔަ ވީޑިއޯއަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފެއް ކުރީ މަލާމާތް!

ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަށް ބަހުގެ ހިދުމަތް އަދިވެސް ފަށައިފައި ނުވާތީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ކޮނޑަށް ލައިގެން އޭނާގެ މަންމަ ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަށް ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ދެމައިންނަށް ފުރައްސާރަ ކޮށްފިއެވެ.
އާންމުގެ ބޮޑު ސަމާލުކަމެއް އެ ވީޑިއޯއަށް ހުއްޓިފައިވާއިރު އެ ދެމައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އެހެން ނަމަވެސް އެ ވީޑިއޯއަށް އިޝާރަތްކޮށް މި މުވައްޒަފު ފުރައްސާރަކުރުމާ ގުޅިގެން އާންމުން ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
ކުރީގެ އަތޮޅު ކައުންސިލްގެ ރައީސް އަދި މިހާރު ތ. ވޭމަންޑޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އެންމެ އިސް މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންން ރިލްވާން އެ ވީޑިއޯ ޝެއާ ކުރަމުން ބުނީ އުޅޭ ތަނުގެ ކުލި ދައްކައި, ސްކޫލަށް ދާން ބަސް ދީ, ކާން ބޭނުންވާ ތަކެތި ހޯދައިދީ, ފެން ބިލު ދައްކައިދީ, ހެދުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެޕާޓްމަންޓް ދީ, ސްކޫލަށް ދާން ބަސް ދީ, ކާނެ ކާއެއްޗެހި ދީ, ފެން ބިލް ދައްކައިދީ, މިއީ ދުނިޔޭގެ ކޮން ގައުމަކުން ކުރާ ކަމެއްތަ?" ރިލްވާން ސުވާލު ކުރިއެވެ.
https://twitter.com/midh_am/status/1443284170688454656?s=21
ރިލްވާން މިހެން ބުނުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ބޭނުން ޖެހިފައިވާ ފަރާތަތްތަކަށް އެހީ ދިނުމުގެ މުހިންމުކަން ނޭނގޭ މީހަކު ޖެންޑާއިން އަތޮޅުގެ ފެމިލީ ޗައިލްޑް ސާވިސް ސެންޓަރު ހަވާލު ކުރުމަކީ ބިރުވެރި ކަމެއް ކަމަށް ޓްވިޓާގައި މީހަކު ނުރުހުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން, ދުނިޔޭގެ ގައުމު ތަކުގައި ކުރާ ކަންކަމާއި ނުކުރާ ކަންކަން ނޭގުމުން ފަލީހަތް ވަނީ ތިމާ މީހާގެ ހާލަތު ކަމަށް ވެސް މީހަކު ޓްވީޓްކޮށްފައިވެއެވެ.
މީސް މީޑިއާގައި ދައުރުވި އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް ކުޑަ ކުއްޖަކު ކޮނޑަށް އަރުވައިގެން ހިނގައިފައި ވަރަށް ބާރަށް ދާ މަންޒަރެވެ. އަދި ވަކި ހިސާބަކަށް ދިޔުމަށް ފަހު އަންހެން މީހާ ވަނީ ކުއްޖާ ކޮނޑުން ބާލައިފައެވެ. އެ މީހާ ބުނާ ގޮތުގައި އަލަށް އާބާދުވާ ސަރަހައްދުން ބަސް ސްޓޮޕާ ހަމަޔަށްދާން ގާތްގަޑަކަށް 40 ނުވަތަ 50 މިނެޓް ހޭދަވެއެވެ. އާންމުންގެ ޖަމިއްޔާއިން މިހާރު ވަނީ އެ އާއިލާއަށް ޓެކްސީ ދަތުރުތައް ހަމަޖައްސައިދީފައެވެ. އެ ޖަމިއްޔާއިން ހަމަޖައްސައިދީފައި ވަނީ ހިޔާ ފްލެޓުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ބަސް ސްޓޮޕަށް ދިއުމުގެ ހަރަދެވެ.
ފޭސް ދޭކަށް ބަހުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހާރު ބަސް ސްޓޮޕްގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން( އެޗްޑީސީ)އިން ވަނީ ބުނެފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އާންމުންނާ ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.





.webp)

ކޮމެންޓް