ޚަބަރު

ބޫސްޓަރޝޮޓެއް އިތުރުކޮށް ރާއްޖޭގައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖަހަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖެހުމަށް މާލޭގައި ކިއު ހަދައިގެން.. ދެން އިމޭޖްސް

ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި އިސްސަފުގައި މަސައްކަތްކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާ ދެއްވައިފިއެވެ.

Ads by STELCO

މިގޮތަށް ނިންމައިފައި ވަނީ ކަމާބެހޭގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށްފަހުގައެވެ.

މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިންއެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށެވެ.

މިވަގުތު ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ:

▪︎ 60 އަހަރުންމަތީގެ މީހުން
▪︎ ދިފާޢީ ނިޒާމު ބަލިކަށި މީހުން
މީގެ ތެރޭގައި:
• ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
• އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން މީގެ ތެރޭގައި ތިރީގައިވާ ބޭސްތައް ހިމެނެއެވެ.)Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,
Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib(

• ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް
1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
• ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން

▪︎ އިސްކޮޅާ އަޅައިބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40 އިން މަތީގައިވާ މީހުން)

▪︎ ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން.

▪︎ ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަރސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން

▪︎ ލިވަރ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން

ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ޖެހުމުގެ ކަންކަން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެމެރިކާ ފަދަ ބޭރުގެ ބޮޑެތި ބައެއް ޤައުމުތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުގެ މަސައްކަތް މީގެ ދެ ހަފްތާ ކުރިން ވަނީ ފަށައިފައެވެ. މިގޮތުން އެމެރިކާގެ ރައީސް ވެސް ވަނީ މީގެ ދެތިން ދުވަސް ކުރިން ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަަމަކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ތިން ލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ މީހުން ވަނީ ފުރިހަަމަކޮށްފައެވެ. ރާއްޖެއަށް ލިބިފައިވާ ކޮވިޑް-19 ވެކްސިންތައް ނޮވެންބަރު މަހު މުއްދަތު ހަމަވާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!