ޚަބަރު

ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޓަސްގެ ހަދިޔާ ފޯރުކޮށްދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދަށް ބަހުގެ ހިދުމަތް ފަށައިފައި ނުވާތީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ރާއްޖޭގައި ސައިކަލު ވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ލިޓަސް އޮޓޯމޯބައިލްސްއިން ސައިކަލަކާ އެކު 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާ ޕެޓްރޯލް ހަދިޔާކޮށްފިއެވެ.

Ads by STELCO

ހާއްސަ އެހީއަށް ބޭނުންވާ އެ އަންހެން ކުއްޖާ ކޮނޑަށް ލައިގެން ދާ މަންޒަރު ދައްކުވައިދޭ އެ ވީޑިއޯ މީސް މީޑިއާގައި އާންމުވުމާ އެކު ލިޓަސްއިން ވަނީ އެ މީހާގެ މައުލޫމާތު އެނގޭ ފަރާތެއް ހުރި ނަމަ ހިއްސާކޮށްދޭން އެދިފައެވެ. ލިޓަސްއިން ކުރި އެ ޕޯސްޓްގައި ބުނެފައި ވަނީ، މީސް މީޑިއާގައި އާއްމުވި ވީޑިއޯގައި މަންމައިން ދަރީންގެ ހައްޤުގައިވާ ޤުރުބާނީތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ފެނިގެން ދިޔަ ކަމަށެވެ. އަދި، އެ މަންމައާ ގުޅޭނެ މައުލޫމާތު ހޯދަން ގަސްތު ކުރާ ކަމަށާއި އެއީ ކޮންމެ ވެސް މިންވަރެއްގެ އުފާވެރި ޚަބަރެއް ދިނުމުގެ ނިޔަތުގައި ކަމަށް ލިޓަސްއިން ބުނެފައިވެއެވެ.

އެ މަންމައާ ބައްދަލުކޮށް މިއަދު ލިޓަސްއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކީ މި ފަހުން ދައުރުވި އެ ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ)އާ ގުޅޭނެ ގޮތް މެދުވެރިވެ ލިޓަސްއިން ދޭން ބޭނުންވި ހަދިޔާ ރައްދުކުރެވިފައިވާ ކަމަށެވެ.

އަދި އެ މަންމައަށް ހަދިޔާ ކުރީ ސައިކަލެއް ކަމަށާއި އެ ސައިކަލު 2 އަހަރު ދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ޚަރަދު ވެސް ލިބޭނެ ކަމަށް ލިޓަސްއިން ބުންޏެވެ. ލިޓްސްއިން ވަނީ މިކަމުގައި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.

މީސް މީޑިއާގައި ދައުރުވި އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް ކުޑަ ކުއްޖަކު ކޮނޑަށް އަރުވައިގެން ހިނގައިފައި ވަރަށް ބާރަށް ދާ މަންޒަރެވެ. އަދި ވަކި ހިސާބަކަށް ދިޔުމަށް ފަހު އަންހެން މީހާ ވަނީ ކުއްޖާ ކޮނޑުން ބާލައިފައެވެ. އެ މީހާ ބުނާ ގޮތުގައި އަލަށް އާބާދުވާ ސަރަހައްދުން ބަސް ސްޓޮޕާ ހަމަޔަށްދާން ގާތްގަޑަކަށް 40 ނުވަތަ 50 މިނެޓް ހޭދަވެއެވެ.

ލިޓަސްގެ މި އެހީގެ އިތުރުން އާންމުންގެ ޖަމިއްޔާއިން މިހާރު ވަނީ އެ އާއިލާއަށް ޓެކްސީ ދަތުރުތައް ހަމަޖައްސައިދީފައެވެ. އެ ޖަމިއްޔާއިން ހަމަޖައްސައިދީފައި ވަނީ ހިޔާ ފްލެޓުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ބަސް ސްޓޮޕަށް ދިއުމުގެ ހަރަދެވެ.

Ads by HDC
  1. ނިކަމެތިމީހާ

    ލިޓަސްއިން މިފަދަ ދީލަތި އެހީއެއް ދިނީމަ އުފާވޭ، އެކަމަކު ދެން ހިތަށް އަރާ، މިއަށް ވުރެ ނިކަމެތިން ވެސް އެބައުޅެއޭ، މިއަށް ވުރެ ބޮޑަށް ސައިކަލެއް ބޭނުން ވެފަ ތިބި މީހުން ވެސް އެބަ އުޅެއޭ. ފޭސް2 އަށް ބަސްވެސް ހަމޖެހިއްޖެ، އެކަމަކު މާލޭގަ ބަހުގެ ޚިދުމަތެއް ނުލިބޭ

  2. ޓޫފާ

    މީހަމަ ވިޔަފާރި ސްޓަނޓެއް.. ލިޓަސް ވެރި ޒާހިދުގެ އަމިއްލަ ރަށުގަ އެބަތި ތިއަށްވުރެ މާނިކަމެތި މީހުން.. އެއިން މީހަކަށް އެހީތެރިވެބަލަ..