ޚަބަރު

އަގު ބޮޑު ކަމުން ބޭރުގެ މީޑިއާތަކަށްވެސް ސާފް ޗެންޕިއަންޝިޕް މެޗް ނުދެއްކިފައި، ކަންބޮޑުވުންތަކަށް އެފްއޭއެމް އިން ދިނީ ބީރު ކަންފަތެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެފްއޭއެމްގެ ޑިރެކްޓަރ އަދި އެފްއޭއެމްގެ ރައީސް

މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ފެށި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓިންގ ޕާޓްނަރ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބްރޯޑްކާސްޓިންގ ރައިޓްސް ވިއްކައިފައިވާ އަގު ބޮޑުވެ، މުބާރާތުގައި ކުޅޭ ބައެއް ޤައުމުތަކުގައި މުބާރާތް ނުދެއްކި އެކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

Ads by MWSC

މުބާރާތުގައި ކުޅޭ ޤައުމުތަކުގެ ތެރެއިން ނޭޕާލާއި އިންޑިއާ އަދި ސްލީ ލަންކާއިން ވަނީ މެޗްތަކުގެ ބްރޯޑްކާސްޓިންގް ރައިޓްސް ބޮޑުވުމާ ގުޅިގެން އެކަމުގެ ޝަކުވާ ކޮށްފައެވެ. މިގޮތުން، ނޭޕާލްގެ ފުޓްބޯޅައިގެ މައި އިދާރާ އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)އިން އިއްޔެ އާއްމު ކުރި ބަޔާނެއްގައި އެޤައުމުގެ ފުޓްބޯޅައަށް ލޯބި ކުރާ ރައްޔިތުންގެ ކިބައިން ވަނީ މަޢާފަށް އެދިފައެވެ.

އަދި ބުނެފައި ވަނީ، ނޭޕާލްގެ އެއްވެސް ޗެނަލްއަކުން ސާފް ޗެންޕިއަންޝިޕް ދެއްކުމުގެ ރައިޓްސް ނެތް ކަމަށާއި މިކަން މިހެންވީ، ބްރޯޑްކާސްޓް ރައިޓްސްގެ އަގު ބޮޑު ކަމުން ކަމަށެވެ. މިގޮތުން ބްރޯޑްކާސްޓް ކުރުމުގެ އަގެއްގެ ގޮތުގައި ރާއްޖާގެ ދައުލަތުގެ މީޑިއާއިން ކަނޑައެޅި އަގަކީ ހަތަރު މިލިޔަން ނޭޕާލް ރުޕީސްއަށްވުރެ ބޮޑު އަގެއް ކަމަށް ބުނެފައިވެއެވެ.

ނޭޕާލުން ސާފް ޗެންޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗްގައި ރާއްޖެ ކައިރިން މޮޅުވެ، ތާރީޚީ މޮޅެއް ވަނީ ހޯދައިފައެވެ. މި މެޗް ނޭޕާލްގެ ޓީވީތަކުން ނުދެއްކުމުން، ނޭޕާލްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން އަންފާ ބުނީ ސާފް ޗެންޕިއަންޝިޕްގެ މެޗްތައް ގެނެސްދޭން ވެގެން އެޤައުމުން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަަމަށާއި މިގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ބްރޯޑްކާސްޓް ކުރުމުގެ އަގު ދަށް ކޮށްދޭން އެދި މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އަގު ދަށްކޮށްދީފައި ނުވާ ކަމަށް ވެސް އަންފާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާއިން ވެސް ވަނީ ބްރޯޑްކާސްޓިންގެ އަގު ބޮޑުވެގެން އެކަމާ ޝަކުވާކޮށްފައެވެ. މިގޮތުން އޯލް އިންޑިއާ ފުޓްބޯލް ފެޑްރޭޝަން (އޭއައިއެފްއެފް) ޖެނެރަލް ސެކްރެޓަރީ، ކުޝާލް ޑާސް ބަންގްލަދޭޝްގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައި ވަނީ، އެފްއޭއެމްއާއެކު މުބާރާތުގެ ބްރޯޑްކާސްޓިންގް އަގު ދަށް ކުރަން މަޝްވަރާ ތަކެއް މުބާރާތް ފެށުމުގެ 20 ދުވަސް ކުރިން ފެށުނު ކަމަށާއި އެހެން ނަމަވެސް އެފްއޭއެމްއިން މާބޮޑު ސަމާލުކަމެއް ނުދިން ކަމަށެވެ. އަދި މިކަން މިގޮތަށް ވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ބުނެފައިވެއެވެ.

ނޭޕާލްގައި މެޗްތައް ނުދައްކާއިރު، އަވައްޓެރި ސްލީ ލަންކާގެ މީޑިއާތަކުން ވެސް ދައްކަން ނިންމައިފައި ވަނީ ހަމައެކަނި ސްރީ ލަންކާ ކުޅޭ މެޗްތަކެވެ. އެޤައުމުގެ މީޑިއާތަކުން ބުނެފައި ވަނީ މިގޮތަށް ނިންމައިފައި ވަނީ، މެޗްތަކުގެ ބްރޯޑްކާސްޓިންގެ އަގު ބޮޑު ކަމުންނެވެ.

ޕީއެސްއެމްއިން ބްރޯޑްކާސްޓިންގް ރައިޓްސް ދޫކުރުމަށް ނިންމައިފައި ވަނީ 6 ލައްކައަށް ވުރެ ގިނަ ރުފިޔާއަށެވެ. އެއީ 40،000 ޑޮލަރެވެ.

ކުޝާލް ޑާސް ބުނެފައި ވަނީ ނޭޕާލް، އިންޑިއާ އަދި ސްރީ ލަންކާއާ ގުޅިގެން 1.5 މިލިޔަން ރުފިޔާ (1 ލައްކަ ޑޮލަރު) ދެއްކުމަށް ފަހު ތިން ޤައުމުން ރައިޓްސް ގަންނަން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެފްއޭއެމްއިން އެ ނިންމުން ބަލައިނުގަތް ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ބައެއް ޕްރައިވެޓް ޗެނަލްތަކުން ވެސް ސާފް ޗެންޕިއަންޝިޕް ރީބްރޯޑްކާސްޓިންގެ އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. ރާއްޖޭގެ ޕްރައިވެޓް ޗެނަލްތަކުގެ ތެރެއިން މެޗް ދައްކަނީ ހަމައެކަނި ރާއްޖެ ޓީވީއިންނެވެ.

އަވައްޓެރި ސްލީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު، ދިވެހި ޤައުމީ ޓީމް ކުޅޭ މެޗްތައް ދިވެހިންނަށް ނުފެންނާތީ އެކަމުގެ ޝަކުވާތައް ވެސް ވަނީ ގިނަވެފައެވެ. ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓްބޯޅައިގެ މެޗްތައް ދިވެހިންނަށް ފެންނާނެ ގޮތެއް ނެތުމުން އެކަމުގެ ޒިންމާ އެފްއޭއެމް އަދި ޕީއެސްއެމްއިން ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!