ފޭސްބުކްގެ ސަބަބުން ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރޭ
ފޭސްބުކްގެ ސަބަބުން ކުޑަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ބުނެފިއެވެ.
ފްރާންސެސް ހޯގެން ނަމަކަށް ކިޔާ ވިސްލްބްލޯވަރއެއް އެމެރިކާގެ ސެނޭޓް ކޮމިޓީއަކަށް މައުލޫމާތު ދެމުން ބުނީ، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުން ކުރާ ފޭސްބުކްގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އޭގެ ސަބަބުން ބައިބައިވުން އިތުރުވެ ޑިމޮކްރަސީގެ ބާރު ވެސް ދަށް ކޮށްލާ ކަމަށެވެ.
ފްރާންސިސް ބުނީ، ފޭސްބުކްއިން މިހާރު ހިންގަމުން އަންނަ އިންސްޓަގްރާމްގެ ސަބަބުން ވެސް ފުރާވަރު އުމުރުގެ އަންހެން ކުދިންނަށް ވަމުން އަންނަ ގެއްލުންތައް އެ ކުންފުންޏަށް އެނގޭ ކަމަށާއި އަދި އެ ކަންކަން ނުވާ ކަމެއް ކަމުގައި ހަދައި، އާންމުންނަށް އޮޅުވައިލައިގެން އުޅޭ ކަމަށެވެ.
"އަހަރެން މިއަދު މި އަޑު އުފުލަނީ ފޭސްބުކްގެ ސަބަބުން ޅަ އުމުރުގެ ކުދިންނަށް ނޭދެވޭ އަސަރުކޮށް، ބައިބައިވުން އިތުރުވެ ޑިމޮކްރެސީވެ ބަލިކަށި ކޮށްލާތީ. ޤާނޫނީ ފިޔަވަޅު އަޅައިގެން މެނުވީ އެމީހުން (ފޭސްބުކް އިން) އެކަންކަން ހައްލެއް ނުކުރާނެ" ފްރާންސިސް ބުނެފައިވެއެވެ.
ފްރާންސިސް މި ވާހަކަތައް ހިއްސާ ކޮށްފައި މިވަނީ، ގިނަ ވަގުތުތަކަކަށް ރޭގައި މުޅި ދުނިޔެއިން ފޭސްބުކްއާއި، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ހިދުމަތް ކެނޑުނު ފަހުންނެވެ.
ފްރާންސިސްގެ މިވާހަކަތައް ފޭސްބުކްއިން ވަނީ ދޮގު ކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ ތަރުޖަމާނު ކެވިން މިކްއެލިސްޓާ ބުނެފައި ވަނީ ފޭސްބުކްއަކީ އެންމެންނަށް ވެސް ރައްކާތެރި އަދި ސިއްރުތައް ފޮރުވިގެންވާ އެޕްލިކޭޝަނަކަށް ހެދުމަށް ޓަކައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.