Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސައިކަލާއި ބައިސްކަލުގެ އެތައް ހިދުމަތެއް ހިލޭސާބަހަށް ކޮށްދިން ހަސަންފުޅުބެ ނިޔާވެއްޖެ

ސައިކަލާއި ބައިސްކަލުގެ އެތައް ހިދުމަތެއް ހިލޭސާބަހަށް ކޮށްދިން ހަސަންފުޅުބެ ނިޔާވެއްޖެ

މާލޭގައި ސައިކަލާއި ބައިސްކަލު ހެދުމުގެ ހިދުމަތްތެރިޔާ ހަސަން ޤާސިމް (ހަސަންފުޅުބެ) ނިޔާވެއްޖެއެވެ.

ގަރާޖު ވިޔަފާރި ކުރުމުގައި ނަން މަޝްހޫރު ހަސަންފުޅުބެ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރުން 76 އަހަރެވެ.

"ހަސަންފުޅު ގަރާޖު"ގެ ވެރިޔާ ހަސަންފުޅުބެގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން (އާސަހަރާ) މިސްކިތުގައެވެ.

Advertisement
HDC — Sidebar (box)

ގަރާޖުގެ ހިދުމަތް ދޭ ފަރާތެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ހަސަންފުޅުބެ، އެ މަސައްކަތް ފެށީ މީގެ 40 އަހަރު ކުރިންނެވެ. އޭނާ ފެށި އެ ހިދުމަތުން އެތައް ބަޔަކަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

ހަސަންފުޅުބެ އެންމެ ފުރަތަމަ ދޭން ފެށީ ބައިސްކަލު މަރާމާތު ކުރުމުގެ މަސައްކަތެވެ. ނަމަވެސް ފަހުން ސައިކަލުތައް ގިނަވެ، ސައިކަލުތަކުގެ ޑިމާންޑު ބޮޑުވުމުން ހަސަންފުޅުބެގެ ގަރާޖުން ސައިކަލު މަރާމާތު ކުރުމުގެ ހިދުމަތް ވެސް ދެމުން ދިޔައެވެ. އަދި އޭނާގެ ގަރާޖުން ޚިދުމަތް ހޯދާ މީހުން އެ ނޫން އެހެން ތަނަކަށް ޚިދުމަތް ހޯދަން ނުދާކަން ވެސް ފާހަގަކޮށްލެވެއެވެ. އެންމެ ބޮޑު ސަބަބަކީ ހަސަންފުޅުބެގެ ސަކަ މިޒާޖާއި، އޮންނަ އެކުވެރިކަމެވެ.

ހަސަންފުޅުބެގެ ގަރާޖުން ޚިދުމަތް ހޯދާ މީހުންގެ ސައިކަލާއި ބައިސްކަލަށް ހިލޭ ވައި ޖަހައި ދިނުމާއި، ލޯގަނޑު ބަދަލުކޮށް ދިނުމާއި، މިނޫން ވެސް ބައެއް ކަންކަން އެއްވެސް އަގަކާ ނުލައި ކޮށްދިނެވެ. އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ގޮތުން މި ޚިދުމަތަކީ ހިލޭ ދޭ ޚިދުމަތެއްގެ ގޮތުގައި ވަނީ ހަދާފައެވެ. ހަސަންފުޅުބެ މިގޮތަށް މިކަން ކުރަން ފެށުމުން ރާއްޖޭގައި ގަރާޖުގެ ޚިދުމަތް ދޭ އެހެން ބައެއް ފަރާތްތަކުން ވެސް މިޚިދުމަތް އާއްމުންނަށް ހިލޭ ދޭން ފެށިއެވެ.

ހަސަންފުޅުބެގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު ފައިސާއިންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް