ދުނިޔެ

ބްރެޒިލުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 6 ލައްކަ ފަހަނައަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލުން މަރުވި މީހުންގެ އަދަދު 6 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by WAMCO

މިއާ އެކު ބްރެޒިލް ވެގެން ގޮސްފައި ވަނީ ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. ކޮވިޑް-19ގެ ސަބަބުން އެގައުމުގެ ހާލަތު ދަށަށް ގޮސްފައިވާއިރު އެގައުމު މިހާލަތަށް ގޮސްފައި ވަނީ ރައީސް ޖައިރް ބޮލްސޮނަރޯގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން ކޮވިޑްއިން ރައްކާތެރިވުމަށް ސަރުކާރުން އެކުލަވައިލި ސިޔާސަތުތައް ކަމުނުދާކަމަށް ބުނެ އެ ގައުމުގައި ވަނީ ބޮޑެތި މުޒާހަރާތައް ކޮށްފައެވެ.

213 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލުން 21.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން އިއްޔެ އެކަނި ވެސް ވަނީ 615 މީހުން މަރުވެފައެވެ. އަދި އިއްޔެ އެކަނި ވެސް އެގައުމުގެ 18،000 މީހަކު ވަނީ އަލަށް ކޮވިޑަށް ފައްސި ވެފައެވެ.

އެގައުމުގެ އާބާދީގެ 71.4 އިންސައްތަ މީހުން ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖެހި މީހުންގެ އިންސައްތައަކީ 45.9 ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ 7 ލައްކައަށް ވުރެ ގިނަކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!