ފުޓްބޯޅަ

އިންޑިއާ ބަލިކުރަން ރާއްޖެ އޮތީ ތައްޔާރަށް! އިންޝާﷲ ކާމިޔާބުވާނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ/ވަގުތު

އިންޑިއާއަކީ މި ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރެވެ. މިކަމަށް ދެބަސްވާނެ އެކަކު ވެސް ނުހުންނާނެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމެއް ވެސް އެންމެ ޖެހިލުންވާ ޓީމަކީ އިންޑިއާގެ ވަރުގަދަ ޓީމެވެ. ސާފް ޗެންޕިއަންޝިޕްގައި މިހާތަނަށް ކުޅުނު ބާރަ މުބާރާތުން ހަތް މުބާރާތެއްގެ ޗެންޕިއަނުންނަކީ އިންޑިއާއެކެވެ.

Ads by STELCO

ފުޓްބޯޅައިގެ ސަރަހައްދީ ބޮޑު ބާރަކަށްވީ ނަމަވެސް އިންޑިއާއިން މިއަހަރުގެ މުބާރާތުގައި ދައްކައިފައި ވަނީ ދަށް ކުޅުމެކެވެ. އިންޑިއާއިން މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ލިބިފައި ވަނީ ނޭޕާލު ކައިރިން އެކަންޏެވެ. އެ މެޗުން އިންޑިއާ މޮޅުވެފައި ވަނީ 1-0ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި އިންޑިއާއިން ދެން ކުޅުނު މެޗުތަކުން ވަނީ އެއްވަރު ވެފައެވެ. ލަންކާއިން 0-0 ގެ ނަތީޖާއަކުން އިންޑިއާ ހިފެހެއްޓިއިރު، ބަންގާޅުން ވަނީ 1-1 ގެ ނަތީޖާއަކުން އިންޑިއާ ހިފަހައްޓައިފައެވެ.

އިންޑިއާއިން މިމުބާރާތުގައި ދައްކައިފައި ވަނީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށް އިންޑިއާގެ ޤައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެއްބަސްވެއެވެ. އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި އޮތީ ވެސް އެވާހަކައެވެ. މި މުބާރާތުގައި އިންޑިއާގެ ކުޅުން ދަށް ވާހަކައެވެ.

އިންޑިއާގެ ޓީމުގެ ކުޅުން ދަށް ނަމަވެސް، އިންޑިއާއަކީ ބާރު ގަދަ ޓީމެކެވެ. އެކަމަށް ދެން ތިބި ޓީމުތަކުގެ ކޯޗުން ހެކިވެއެވެ. ބަންގާޅު ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން، ރާއްޖޭގެ ކޯޗު އަލީ ސުޒޭން އަދި ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފައިވަނީ ސާފް ނެގުނު ކަމަށްވާނީ އިންޑިއާ ބަލިކޮށްގެން ކަމަށެވެ.

އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް ކާމިޔާބުކޮށްފައެވެ އެންމެ ފަހުން 2018ވަނަ އަހަރު ޑާކާގައި އޮތް މުބާރާތް ރާއްޖެ ކާމިޔާބުކޮށްފައިވާއިރު، އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ފަހަރެވެ. މިރޭ އޮންނަ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ނުވަތަ އެއްވަރުވެއްޖެ ނަމަ އިންޑިއާގެ މި ރިކޯޑް މުގުރައިލެވޭނެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން 2008އާއި 2018 ވަަނަ އަހަރު ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެން ނަމަވެސް އެއަހަރުގެ ގްރޫޕް ސްޓޭޖް މެޗުތަކުގައި އިންޑިއާއިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. މިގޮތުން 2008 ވަނަ އަހަރު 1-0 ގެ ނަތީޖާއަކުން އިންޑިއާ ބަލިވިއިރު، 2018ވަނަ އަހަރު ރާއްޖެ މޮޅުވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މިފަަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތުގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް ދެން ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ވަނީ ނެރެފައެވެ. މިގޮތުން ބަނގްލަދޭޝް އަތުން 2-0 އިންނާއި ލަންކާ އަތުން 1-0 އިން ރާއްޖެ ވަނީ މޮޅު ހޯދައިފައެވެ.

މިރޭ 9 ޖަހާއިރު އޮންނަ މިމެޗުން މޮޅުވުމަކީ ހުރިހާ ދިވެހިންގެ އެދުމެވެ. މިމެޗުން ރާއްޖެ އެއްވަރު ވެގެންވެސް ފައިނަލް ދެވެން އޮތްއިރިު 2003 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ ނެތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލެއް ކުޅެލުުމުގެ ފުރުސަތު ހޯދުމުގެ ބާރު ދިވެހި ޤައުމީ ޓީމަށް އެބައޮތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!