ޚަބަރު ސިޔާސީ

‎ގުޅިފަޅާ ގުޅުވައި ނަރީޝް ދެއްކެވީ ސިޔާސީ ގޮތުން މަޝްހޫރުކަން ހޯއްދަވަން ދެއްކެވި ވާހަކައެއް: އަސްލަމް

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

މާލެ ރައްޔިތުންނަށް ގޯތި ދެއްވަން ގުޅިފަޅު ނުދެއްވައި ގުޅިފަޅު ޕްރޮޖެކްޓް ވަކި ބަޔަކަށް މަންފާވާގޮތަށް ދެއްވައިފައި ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްމެންނަށް ބައި އެޅޭގޮތަށްކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވި ވިދާޅުވުމަށް މިނިސްޓަރު އަސްލަމް ރައްދުދެއްވައިފިއެވެ.

Ads by STELCO

މާލޭ ރައްޔިތުންނަށް އަތޮޅު ތެރެއިން ބިން ދޫކުރުމަށް މިނިސްޓަރު އަސްލަމް ދެއްވި ލަފަޔަށް ރައްދު ދެއްވައި ނަރީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މާލެ ރައްޔިތުންނަށް ގޯތި ދެއްވަން ގުޅިފަޅު ނުދެއްވައި ގުޅިފަޅު ޕްރޮޖެކްޓް ވަކި ބަޔަކަށް މަންފާވާގޮތަށް ދެއްވައިފައި ވަނީ މިނިސްޓަރު އަސްލަމްމެންނަށް ވެސް ބައި އެޅޭގޮތަށް ކަމަށެވެ.

އެގޮތުން ގުޅިފަޅު ޕްރޮޖެކްޓް ވަކި ބަޔަކަށް މަންފާވާ ގޮތަށް ދެއްވައިފައި އެކަން ފޫބައްދަން ސަރުކާރުން ދައްކަވާ ބަހަނާއަކީ އެމްޑީޕީ ކޯލިޝަން ވެރިކަމަށް އަންނަން ދެއްކި ވާހަކައާ ދިމާ އިދިކީލަ ވާހަކައެއްކަން ވެސް ނަރީޝް ފާހަގަކުރައްވައިފައި ވެއެވެ.

ނަރީޝް ވިދާޅުވީ މާލޭ ސިޓީ ރައްވެހިންނަށް އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް އޮންނަ ހަމައާއި އުސޫލު އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ ކައިރިންނާއި ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ގޯތި ލިބެން ޖެހޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ދައްކަމުންދާ އެފަދަ ބަހަނާތައް މާލޭ ރައްޔިތުން ތިބީ އަޑުއަހަން ނޫން ކަަމަށް ނަރީޝް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން"ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ނަރީޝް އޭނާއާ ގުޅުވައި އެކުރައްވާ ތުހުމަތަކީ ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބިން ލިބެން ޖެހޭނެ އުސޫލަކީ އެމަނިކުފާނު ޤަބޫލުކުރައްވާ އުޞޫލު ކަމަށާއި އެހެންކަމުން މަޖިލީހުގައި އެމަނިކުފާނަށް މާލޭގެ ރައްޔިތުންނަށް އަތޮޅު ތެރެއިން ބިން ދޫކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ފަދަ ގޮތަކަށް ޖަވާބު ދެއްވީ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަން ކޮންމެ ހިސާބަކުން ވެސް ދިވެއްސެއް ވެއްޖެއްޔާ ރާއްޖެއިން ބިން ލިބެން ޖެހޭނެ ކަމަށް. ނަމަވެސް ވާ ގޮތަކީ އެ ސަރަހައްދެއްގެ ނުވަތަ އެ ރަށެއްގެ ރައްޔިތުން އެކަމާ ނުރުހެނީ، އެމީހުންގެ ސަރަހައްދަށް އެހެެން ބަޔަކު އައިސް ވަޒަން ވެރިވުމަށް ނުރުހެނީ. އެހެންކަމުން އެކަން އެގޮތަށް ހަމަޖެހިގެން ނުދަނީ. ދެން ނަރީޝް ވިދާޅުވެފައިވާ ވާހަކަތަކަކީ ޕޮލިޓިކަލީ ފޭމަސްކަން ހޯއްދަވަން ދައްކަވައިފައިވާ ވާހަކަތަކެކޭ އަޅުގަނޑު ދަންނަވާނީ. އެ ކުރައްވާ ތުހުމަތުތަކުގެ އެއްވެސް އަސްލެއް ނެތް. ހެކި ހުރި ނަމަ ހިފައިގެން ނަރީޝްވަޑައިގަންނަވާ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މާލެ ތަރައްގީ ވީ އެހެން ރަށްރަށުގެ މީހުން މި ތަނަށް ގެނެސް އާބާދު ކޮށްގެން ކަމަށާއި އެހެން ރަށްރަށުން ވެސް އެގޮތަށް މީހުންނަށް ފުރުސަތު ދިނުމަކީ ރަށްތަރައްގީވެގެން ދާނޭ ކަމެއް ކަމަށެވެ.

މާލޭ ރަށްވެހިންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. އަދި މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ސޯލިހް ވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

  1. މޫސަ

    އަސްލަމު މުޅިންވެސް ސިޔާސީގޮތުން މަޝްހޫރުވާންވެގެން ދޮގުވާހަކަތައް ދައްކައިގެން އިރިފުޅު ހައްދަވާކަން ދިވެހިރައްޔިތުންނަށްވެސް އެނގޭ
    އަސްލަމަކީ ދޮގު ބަނޑިޔާ ނުވަތަ ދޮގު ޖާޑީގެ ނަމުން ނަންލިބިފައިވާ މީހެއް