ޚަބަރު

ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ޝަހާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސައިލިހެންނެވެ. އަވަސް ހަރަކާތަކާއެކު އަދީމަށް ފުރަގަސްދެމުން އަލުން އެތެރެއަށް ދެމިގަނެވުނީ ބޭއިޙްތިޔާރުގައެވެ.

Ads by MWSC

ފުންނޭވާ ތަކެއް ލަމުން ޝަހާ ދޮރުގައި ލެގިލިއެވެ. ބާރަށް ނެގި ނެގިފައި ޖެހެމުން ދިޔަ ހިތުގެ އަޑު ކައިރީގައި މީހެއް ހުރިނަމަ އެމީހަކަށް އިވޭނެ ކަން ޔަގީނެވެ. ދެއަތުންމޭގައި އަތްޖައްސައިލެވުނު ހިނދު ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އަދީމް ދެކިލުމަށް ހިތުގައި އޮތް އެދުން ހާސިލް އެވީ ހާދަ ދުވަހަކަށް ފަހުގައެވެ. ނަމަވެސް ހިތުގެ އެއެދުން ހާސިލްވި ހިނދު ކަންތައް އެކުރެވުނީ ހިތުއަޅައިގެން ހުރި ގޮތަކަށް ނޫނެވެ. ކުރިން ހިތަށް އެރިއެވެ. އޭނާގެ ލޯބިވާ އަދީމް ލޮލަށް ފެންނަ ހިނދު ކައިރިއަށް ގޮސް ބުނެލާނަމެވެ. އަދީމްގެ ހާލު ކިހިނެއް ހެއްޔެވެ؟ ލޮލަށް ފެނުމުގެ ނަސީބު މިލިބުނީ ހާދަ ދުވަހެއް ފަހުންނެވެ. ތިޔަ ލޯބި ސޫރަ ދެކިލަން މިހިތްއެދޭތާ ކިތަންމެ ދުވަހެކެވެ. ކުޑައިރުން ފެށިގެން އަހަރެންގެ ހިތުގައި ތިލޯބި ވަނީ ބިންވަޅުނެގިފައެވެ. އަހަރެންގެ މި ބަސްނާހާ ހިތް އަހަރެންގެ އަތުން ދޫވީ ނުވެސް އެނގި ހުއްޓައެވެ. އަހަރެން އަދީމްދެކެ އިންތިހާއަށް ލޯބިވަމެވެ. އަދީމް ހީވެސް ނުކުރާހާ ބޮޑަށެވެ. ތިއީ އަހަރެންގެ ހިތުގެ ލޯތްބެވެ. އަހަރެންގެ ރޫހާއި ފުރާނައެވެ. އަހަރެންގެ ނޫރެވެ. އަހަރެން މިވަނީ އަދީމްގެ ލޯބީގައި ދީވާނާ ވެފައެވެ. ތިޔަ ލޯބި ހާސިލުކުރުމަށްޓަކައި ދީނާ ޙިލާފުވެގެންނުވާ ކޮންމެފަދަ ކަމެއްވެސް ކުރަން އަހަރެން މިހިރީ ތައްޔާރަށެވެ. މިނިކަމެތި ހިތުގެ އޮތީ އެންމެ އެދުމެކެވެ. އެއީ ތިޔަ ލޯބިން މި ނިކަމެތި ހިތް މުއްސަނދިކޮށްދިނުމެވެ. އަހަރެން މިވާ އިންތިހާ ދަރަޖައިގެ ލޯބި ޤަބޫލުކޮށް ތިހިތުން އަހަރެންނަށް ޖާގައެއް ދިނުމެވެ. އަދި ތި ދިރިއުޅުމުގެ ޙިއްސާދާރަކަށް އަހަރެން ހެދުމެވެ.

ނަމަވެސް ކަންތައްމިވީ މުޅިން އިދިކޮޅަށެވެ. ވަގުތު ޖެހުނު އިރު ޝަހާ މިވީ ބޮޑު ފިނޑިއަކަށެވެ. އަމިއްލަ މޮޔަކަން އިހުސާސްވެ ޝަހާއަށް ބޮލުގައި ޖަހައިލެވުނެވެ. މިހާ ފިނޑިވެގެން އަދީމްގެ ލޯބި ހާސިލް ކުރާނީ ކިހިނެއްހެއްޔެވެ؟ އަދީމް ހަމައެކަނި އޭނާގެ ހައްޤަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަށިފުރާ ނޭވައެއް ލަމުން ޝަހާ ހަށިގަނޑު ސީދާކޮށްލިއެވެ. އެހާ ފިނޑިވަނިކޮށް އަބަދުގެ އަބަދަށް އަދީމް ގެއްލިދާނެއެވެ. އެނބުރި ތަޅުގައި ހިފަމުން އަނެއްކާވެސް ޝަހާ ފުންނޭވައެއް ދޫކޮށްލިއެވެ. ހިތްވަރުކޮށްފައި ދޮރުހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި އަލީފް ފެނިފައި ޝަހާއަށް ލިބުނީ ސިހުމެކެވެ.

" ސޮރީ ދޮންތާ! ބެލް ޖަހަން އުޅެނިކޮށް ތިހުޅުވީ..." ޝަހާއަށް ވީގޮތް ފެނި އަލީފް ބުންޏެވެ. ވަކި ޖަވާބެއް ނުދީ ޝަހާ އަލީފްގެ ކޮނޑުމަތިން ބޯދިއްކޮށްލަމުން އަދީމްގެ ގޭ ދޮރާ ދިމާލަށް ބަލައިލިއެވެ. އަދީމް ފެންނާކަށް ނެތެވެ. ލިބުނު ހިތްހަމަނުޖެހުމުގައި ކުޑަކޮށް އަލީފް އެއްކައިރިއަށް ޖައްސައިލުމަށްފަހު މަގުގެ ދެފަރާތް ބަލައިލިއެވެ. އެއްވެސް ހިސާބަކުން އަދީމް ފެންނަން ނެތުމުން ޝަހާ މުޅިން މާޔޫސްވިއެވެ.

" ދޮންތަ ކާކު ތިހޯދަނީ..." ޝަހާ އުޅޭގޮތް ފެނި އަލީފް އަހައިލިއެވެ. ލިބިފައިވާ ނުތަނަވަސްކަން ފޮރުވައިލަމުން ޝަހާ އަލީފަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

" އެއްވެސް މީހެއް ނޫން.. އަލީފް ކީއްކުރަން އައީ.." ޝަހާ އަހައިލިއެވެ.

" އަހަރެން ދޮންތަ ކައިރީގައި ވާހަކައެއް ދައްކަން ވެގެން.." އަލީފް ބުންޏެވެ. އަލީފްގެ މޫނުމަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޝަހާއަށް އިހުސާސްވިއެވެ.

" ހިނގާ އެތެރެއަށް ސައިބޯން.. ސައިބޮއެގެން ވާހަކަ ދައްކާނީ..." އަލީފްގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ޝަހާ ބުންޏެވެ.

އަލީފަކީ ޝަހާގެ މަންމަ ފަރާތުން ހުރި  ހަމައެކަނި ދެބެންގެދެދަރި ކުއްޖާއެވެ. ބައްޕަ ފަރާތު ދެބެންގެދެދަރި ކުދިން ތިބިނަމަވެސް އެމީހުންނަކާ ޝަހާ އާ މާބޮޑު ގުޅުމެއްނޯވެއެވެ. އެހެންކަމުން އަލީފަކީ ޝަހާއަށް ވަރަށް ޙާއްސަ ކުއްޖެކެވެ. އެންމެ ބޮޑަށް ޙާއްސަވާ އެއް ސަބަބަކީ އަލީފަކީ ޝަހާގެ މަންމަ ގާތުން ދިން ކުއްޖަކަށްވުމެވެ. އެއްބަނޑުއެއްބަފާ ނޫނަސް ޝަހާ ދެކެނީ އަލީފް އެއީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. އަލީފަކީ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި، އަޙްލާޤު ރަނގަޅުކުއްޖެކެވެ. ބައްޕަ ހަމީދާއި މަންމަ އަސްމާގެ ލޯބި ނުލިބި ބޮޑުވިނަމަވެސް އެމީހުންދެކެ އަލީފް އިންތިހާއަށް ލޯބިވެއެވެ.

އަލީފް ކާމޭޒު ކައިރީގައި އިށީނުމުން ޝަހާ ގޮސް ސޯފާގައި ނިދިފައި އޮތް މަލާކަށް ގޮވުމަށްފަހު އަލީފް އައިސް އިން ވާހަކަ ބުންޏެވެ. މަލާކް މިނިކުންނަނީއޭ ބުނުމަށްފަހު ކޮޓަރިއަށް ވަނީ މޫނު ދޮވެލައި ރީތިވެލުމަށެވެ. ތިން ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ބަތްކާ ތައްޓެއްގެ ފުރައި ކުޅި ކާޖާ އަޅައިގެން ގެނެސް މޭޒުމަތީގައި ޝަހާ ބެހެއްޓިއެވެ. އެއަށްފަހު އަލީފްގެ ކުރިމަތީގައި އިން ގޮނޑި ދަމައިލުމަށްފަހު އިށީނެވެ.

" ހްމްމް.. ދެން ތި ވެގެން އުޅޭ ގޮތެއް ކިޔާބަލަ.." މޭޒުގައި އަތް އަޅުވައިލަމުން ޝަހާ އަހައިލިއެވެ. އެވަގުތު މަލާކްވެސް އައިސް ޝަހާ ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

" އަލީފްބެ ހާދަ ނުފެނެއޭ މިހާރު..." ކުޅިކާޖާކޮޅެއް ހަފައިލަމުން މަލާކް ބުންޏެވެ. އަލީފާއި މަލާކްގެ ދެމެދުގައި ހުންނާނީ ދެއަހަރެއްހާ ދުވަހުގެ ތަފާތެވެ.ވަކި ޖަވާބެއް ނުދީ އަލީފް ހިނިތުންވެލިއެވެ.

" މައިންބަފައިން ދުނިޔޭގައި ތިބެމެ ދޮންތަ ކައިރީގައި މިކަހަލަ ކަމަކު ކިޔަން ޖެހޭތީ ދެރަވެސް ވޭ.. އެކަމަކު އަހަރެންނަށް އިތުރުގޮތެއް ނެތިގެން ދޮންތަ ކައިރިއަށް މިއައީ.." އިސް ޖަހައިލަމުން އަލީފް ބުންޏެވެ. ޝަހާއާއި މަލާކް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އަލީފް ދެރަވެފައި އިންވަރު އޭނާގެ މޫނުމަތިން ރަނގަޅަށް ސާފުވާން ހުއްޓެވެ.

" ދޮންތަ ކައިރީގައި ކަމަކު ކިޔަން އަލީފް ދެރަވެ ލަދުގަންނާކަށް ނުޖެހޭނެ.. އަލީފް ދުލުން ބޭރުވި ކޮންމެ އެއްޗެއް ދޮންތައަށް ދެވޭވަރުގެ އެއްޗެއްވިއްޔާ އެއްވެސް ސުވާލެއް ނުކޮށް ދޭނަން.. ދޮންތައަށް އެނގޭ އަލީފް ގޯސްކަމެއް ނުކުރާނެކަން.. ތީ އެއަށްވުރެ ބަސްއަހާ ދީންވެރި ކުއްޖެއް.. ދެން ބުނެބަލަ! ދޮންތަ ކޮންކަމެއްތަ ކޮށްދޭންވީ..؟" މޭޒުމަތީގައި އޮތް އަލީފްގެ އަތްމަތީގައި އަތް ބާއްވައިލަމުން ޝަހާ ބުންޏެވެ.

" ބައްޕައަށް ގުޅީމަ ބުނީ ދޮންމަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން ހުރި ފައިސާ އޭ ހުރީ.. މަންމައަށް ގުޅާ ގުޅާ ފޯނެއް ނުނަގާ.. ދެން ހުރީ މާމަ.. މާމައަށް ލިބޭ ފަސްހާސް ރުފިޔާއިން ގޭގެ ހުރިހާ ކަމެއް އެބަލަހައްޓަނީ.. ބައްޕަ މާމައަށްވެސް އެންމެ ލާރިއެއްވެސް ނުދޭ.. ބާރަ ނިންމާފަ އަހަރެއްވީއިރުވެސް އަހަރެންނަށް މިހިރީ އިތުރަށް ކިޔަވާނެ ފުރުސަތެއް ނުލިބިފައި.. ބޭނުންވާ ދާއިރާއިން ރަނގަޅު ވަޒީފާއެއްވެސް ނުލިބެނީ ޤަބޫލުކުރާނެ ވަރުގެ ސެޓްފިކެޓެއް ނެތުމުން.. އެކަމަކު މިރަށުގައި ފަށަން ތައްޔާރު އެބަވޭ ވަރަށް ރަނގަޅު ގްރެފިކްސް ޑިޒައިނިންގް ކޯހެއް.. އެކޯހަށް ބައިވެރިވާން ލާރި ބޭނުންވާތީ ދޮންތަ ކައިރިއަށް މިއައީ.." އަލީފް އެހުރިހާ ވާހަކައެއް ކިޔާ ނިންމާލިއިރު އެންމެ ފަހަރަކުވެސް ޝަހާއާ ދިމާލަށް ބަލައެއް ނުލައެވެ. ޝަހާ ކައިރީގައި އެވަރުގެ ބޮޑު އަދަދަކަށް ކިޔަން ޖެހުމުން އޭނާ އިނީ ލަދުގަނެފައެވެ.

" ދޮންތަ ބުނާ ބަހެއް އަހަންޏާ މީގެ ފަހުން ކަމަކަށް ދަތި ވިޔަސް ބޮޑުދައިތައަށްވެސް އަދި ހަމީދުބެއަށްވެސް ގުޅާނެ ކަމެއް ނެތް.. އަލީފް ކަމަކަށް ބޭނުންވިއްޔާ އެއްވެސް ޖެހިލުމެއްނެތި ބުނާނީ ދޮންތަ ކައިރީގައި.. އެކަމަކު އަލީފްގެ މައިންބަފައިން ދުނިޔޭގައި ތިބިހާ ދުވަހަކު އެމީހުންގެ ހާލު ބަލާތި.. އަދި ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އެމީހުންނަށް ކަންތައް ކޮށްދޭތި.. އަލީފްގެ އެކައުންޓް ނަމްބަރު ދޮންތައަށް މެސެޖް ކޮށްލަބަލަ.." ސޯފާ މަތީގައި އޮތް އޭނާގެ ފޯނު ހިފައިގެން އައިސް އިށީންނަމުން ޝަހާ ބުންޏެވެ. އަލީފް ހަމަ އެއިންގޮތަށް އިނދެ ޝަހާއަށް އެކައުންޓް ނަމްބަރު ފޮނުވައިލިއެވެ. ވަގުތުން ޝަހާ އަލީފްގެ އެކައުންޓަށް ހަތްހާސް ރުފިޔާ ފޮނުވިއެވެ.

" ދޮންތާ ހާދަ ބޮ..." ފޯނު ބަލައިލުމަށްފަހު އަލީފް ބުނަން އުޅުނެވެ. އެހެންނަމަވެސް އޭގެކުރިން ޝަހާ ވާހަކަ ދައްކަން ފެށިއެވެ.

" ކޯހުގެ ފީ ދެއްކުމަށްފަހު އަލީފް ބޭނުންވާ އެހެން ކަންތައްތައް ކޮށްލާ.. ދޮންތައަށް ޔަގީން އަލީފް އެންމެ ލާރިއެއްވެސް ނަހަމަ ގޮތުގައި ބޭނުން ނުކުރާނެކަން.. " ޝަހާ ބުންޏެވެ. އަލީފްގެ ދެލޯ ފުރިގެން އައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

" ތެންކިއު ދޮންތާ..." ތުރުތުރުއަޅާ އަޑަކުން އަލީފް ބުންޏެވެ.

" ޔޫ އާރ ދި ބެސްޓް ސިސްޓަރ.. އައި ލަވް ޔޫ..." ޝަހާ ގައިގައި ބައްދައިލަމުން މަލާކް ބުންޏެވެ. ޝަހާ ހިނިތުންވެލަމުން މަލާކްގެ ބޮލުގައި ފިރުމައިލިއެވެ. އަލީފްވެސް ހިނިތުންވެ އިނދެ ދެލޯ ފޮހެލިއެވެ.

*************************

ޝަހާ ގެ ގެއިން ނިކުމެގެން އައި އަލީފަށް ކުރިމަތީ ހުރި ގެއިން ނިކުތް އަންހެން ކުއްޖާ ފެނިފައި ހުއްޓުން އެރިއެވެ. ފުރަތަމަ ނަޒަރުންވެސް އަލީފްގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ. އެފަދަ ރިތިކަމެއް އަލީފަށް ފެނުނީ ފުރަތަމަ ފަހަރަށް ކަހަލައެވެ. ހުޅިއެއް ޖަހާފައިވާ އިސްތަށިގަނޑު ނިޔުޅުވައިލަމުން އެކުއްޖާ އަލީފަށް ބަލައިލީގޮތުން ހިނދުކޮޅަކަށް އަލީފްގެ ނޭވާ ހުއްޓުނު ކަހަލައެވެ. ހިމަ ހިމަ ތުންފަތުން އެކުއްޖާ ހަދިޔާކޮށްލީ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. ކަޅިޖަހައިލަންވެސް ނޭނގިގައި އަލީފަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. ބަލަބަލާހުއްޓާ އެކުއްޖާ އަލީފްއާ ކައިރިއަށް އަންނަންފެށުމުން އަލީފްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އެހިނދު އަލީފަށް ހިތާ ދިމާލުން މޭގައި އަތްއަޅައިލެވުނެވެ.

" ހާއި.. ހާދަ ވަރަކަށް ތިބަލަނީ.. ކައްމިގެ މޫނުގަ އެއްޗެއް ހުރީތަ.." މޫނުގައި އަތްހާކައިލަމުން ކަމީލާ އަހައިލިއެވެ. އެކުއްޖާގެ ހިތްގައިމު އަޑުއިވުމާއެކު ބޭއިޙްތިޔާރުގައި އަލީފަށް ލޯމަރައިލެވުނެވެ.

" ހެލޯ!!!!" ފުއްޓަތްކެއް ޖަހައިލަމުން ކަމީލާ އަނެއްކާވެސް ބުނެލިއެވެ. އެއަޑަށް އަލީފް ދެލޯ ހުޅުވާލާފައި ބަލައިލިއެވެ. ކަޅިޖަހާލަންވެސް ނޭނގިފައި ކުރިމަތިން ފެންނަމުން ދިޔަ ރީތި ސޫރައަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އަލީފަށް ނުކުރެވުނެވެ. ކަމީލާ އަލީފްގެ ލޯމަތީގައި އަތްހުރަސްކޮށްލުމުންވެސް އަލީފްގެ ބެލުމަށް ބަދަލެއް ނައެވެ.

" މޮޔައެއް ކަންނޭނގެ.. ޕުއަރ ބޯއި..." ކަމީލާ ތުންފިއްތާލަމުން ބުންޏެވެ. އެއަށްފަހު މަޑުނުކޮށް އޭނާގޮސް ގޭތެރެއަށް ވަނެވެ. އަލީފަށް ހޭވެރިކަމެއްވީ ދެނެވެ.

" ކައްމި... ވާއު.. ހިޔެއް ނުކުރަން ބޮޑުވެގެން އެހާ ރީތި ކުއްޖަކަށް ވާނެކަމަކަށް... " އެގެއާ ދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ހިނގައިގަންނަމުން އަލީފް އަމިއްލަ ނަފްސަށް ކިޔައިލިއެވެ.

*****************************

ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އަދީމް އޮތެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑުމެދުގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދަށެވެ. ޖަވާހިރުކޮޅުތަކެއް ފަދައިން އެހަނދުގެ ވަށައިގެން ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް އޭނާގެ ހިތުން ތަޢުރީފު ކުރަމުން ދިޔައެވެ. ޤުދުރަތީ އެހިތްގައިމު މަންޒަރުވީ އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނުވި މަންޒަރަކަށެވެ. އެއްވެސް އިޙްތިޔާރަކާ ނުލާ ކުއްލިއަކަށް އޭނާގެ ހިތަށް އައިސްވަނީ ޝަހާގެ ރީތި ސޫރައެވެ. މިއަދު ހިނގައިދިޔަ ވަގުތުކޮޅެއްގެ އެހާދިސާ ހަނދާންވުމާއެކު އޭނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިއެވެ. ޝަހާ އުޅުނުގޮތުން އެވަގުތުވެސް އޭނާއަށް ވަރަށް ހެވުނެވެ. ޝަހާ އޭނާއަށް ފެނުނީ ހިނދުކޮޅަކަށް ނަމަވެސް ކުޑައިރު ފެނުނު ޝަހާއާއި އޭރު ފެންނަން ހުރި ޝަހާގެ ތަފާތު އޭނާއަށް ދެނެގަނެވުނެވެ. މިއަދު ފެނުނު ޝަހާ ކުޑައިރުގެ ޝަހާއަށްވުރެ އެތައް ގުނައެއް ރީތިވެފައި ފުރިހަމައެވެ. އިސްކޮޅާއި ރޫފަ އެއްވަރުގެ ޝަހާ އަށް ލިބިފައިވަނީ އާދަޔާ ހިލާފު ދޮންކަމެކެވެ. ހާއްސަކޮށް ރަތްކުލައާއި ޝަހާއާ ވަރަށް ގުޅޭކަން އަދީމަށް ފާހަގަ ކުރެވުނެވެ. އެރަތްކުލަ އޭނާގެ ދޮންކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ޝަހާ ގޭތެރެއަށް ވަދެގެން ދިޔައީ އަދީމް އޭނާއަށް ގޮވައިލަން އަނގަހުޅުވާލި ވަގުތުއެވެ. ޝަހާ ނިކުންނާނެ ކަމަށް އިރުކޮޅަކު މަޑުވެސް ކުރިއެވެ. އެހެންނަމަވެސް ހުސެން އޭނާ ބަލާ އައުމުން ދާންޖެހުނީއެވެ.

****************************

އަރާމު ނިންޖެއްގެ ތެރެއަށް ގެނބެމުން ދަނިކޮށް ޝަހާ އަށް ސިހުމެއް ލިބުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ސްކްރީނަށް އަރާފައި އޮތް މައިރާގެ ނަން ފެނުމުން ނިދިއައިސްފައި އޮތް ނަމަވެސް ޝަހާ ފޯނު ނެގިއެވެ. މައިރާ ކިޔައިދިނީ ފާތިކް އޭނާގެ އާއިލާ ގޮވައިގެން މައިރާގެ ގެއަށް ދިޔަ ވާހަކައެވެ. އަދި ދެއާއިލާއިން ވާހަކަ ދެއްކުމަށްފަހު އެދެމީހުންގެ ކައިވެނި ކުރެވޭނެ ދުވަސްވެސް ކަނޑައަޅާ ނިމިއްޖެ ކަމުގައެވެ. މައިރާ އުފާވެފައި ހުރިވަރު އޭނާގެ އަޑުން ހާމަވަމުން ދިޔައެވެ. ނިދިއައިސްފައި އޮތް ނަމަވެސް އެކުވެރިޔާގެ ވާހަކަ ޝަހާ އަޑުއަހަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. މައިރާއަށް ޓަކައި ހިތުގެ އެންމެ ފުންމިނުން އުފާކުރާ ހާލުގައެވެ. މައިރާ އެދުނީ އޭނަގެ ކައިވެނީގެ ރަނުން ފެށިގެން ކައިވެނިކުރެވޭ ރެއާ ހަމައަށް ހުރިހާ ކަމެއް ޝަހާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. މައިރާގެ ކައިވެނީގެ ހެދުން ތައްޔާރުކުރާނީ ޝަހާ ކަމުގައި މާކުރިންވެސް ޝަހާ އޮންނާނީ ބުނެފައެވެ.

މައިރާ ފޯނު ބޭއްވުމުން އަނެއްކާވެސް ޝަހާ ދެލޯ މަރައިލިއެވެ. އަދީމްގެ ރީތި ސޫރަ ސިފަމުން ހިނިތުންވެވުނެވެ. އޭނާގެ އުއްމީދަކީ މައިރާގެ ކައިވެނި އޭނާ އެންމެ ލޯބިވާ މީހާއާ ކުރެވޭ ފަދައިން ކޮންމެވެސް ދުވަހަކުން އޭނާއާ އަދީމްގެ ކައިވެނިވެސް ކުރެވުމެވެ.

*******************

އޮފީހުން ގެއަށް އައިއްސުރެން ފެށިގެންވެސް ޝަހާގެ ހިތްއެދި ގޮވަމުން ދިޔައީ އަދީމް ދެކިލަން އެގެއަށް ދިއުމަށެވެ. އަސުރު ނަމާދުކޮށް ނިމުނުގޮތަށް ރީތިވެލައިގެން ޝަހާ ނިކުތްއިރު އަދި ހަތަރެއްވެސް ނުޖަހައެވެ. ގޭގެ ދޮރުމަތީގައި ހުއްޓިހުރެ އެގޭތެރެއަށް ބޯދިއްކޮށްލި ވަގުތު މީހަކު އަންނަހެން ހީވެގެން ޝަހާ ހަށިގަނޑު ސީދާ ކޮށްލަމުން ހަމަޖެހިލިއެވެ. ދޮރުން ނިކުތް އަދީމް ފެނިފައި މިފަހަރުވެސް ޝަހާއަށްވީ ކުރިން ފަހަރުވެސް ވީހެނެވެ. އެހެންނަމަވެސް މިފަހަރު އެތެރެއަށް ވަނުމުގެ ބަދަލުގައި ޝަހާ އިސްޖަހައިލިއެވެ. އަދީމްގެ ގެއިން ނިކުމެގެން މަގުހުރިގޮތަށް ދާން ފެށުމުން ޝަހާ އެދިމާލަށް ބަލައިލިއެވެ. މާޒީގެ ހަނދާނެއް އާވުމާއެކު ޝަހާއަށް ހިނިތުންވެވުނެވެ. ސްކޫލަށް ދިއުމުގެ ކުރިން އަދީމް ނިކުންނަންދެން ޝަހާ ހުންނަނީ ދޮރުމަތީގައެވެ. އަދީމް ހިނގަމުން ގޮސް ވަކި ހިސާބަކަށް ދިއުމުން ޝަހާ އޭނާގެ ފަސްފަހަތުން ދަނީ އަދީމަށް ބަލަހައްޓައިގެން ހުރެއެވެ.

ދޮރުމަތީގައި ހުރި ޝަހާއަށް އަދީމްގެ ފަހަތުން ހިނގައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. އަދީމް ދަނީ ވަކި ކޮންތަނަކަށް ކަމެއް ނޭނގުނުނަމަވެސް ޝަހާ އޭނާގެ ފަސްފަހަތުން ދިޔައީ އެކަމުން އޭނާގެ ހިތަށް ލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހިނގަމުން ދިޔައިރު އެންމެ ހިނދުކޮޅަކަށްވެސް ޝަހާގެ ނަޒަރު އެހެން ދިމާލަކަށް ނުހުއްޓެއެވެ. ވަށައިގެން ހިނގަމުންދާ އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އަދީމްގެ ފިރިހެންވަންތަ ހިނގުން އޭނާގެ ހިތްކަތިލަމުން ދިޔައެވެ. ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. ކުއްލިއަކަށް އަދީމް ހުއްޓުނެވެ. ހީވީ ދެންމެ ދެންމެ ފަހަތަށް އެނބުރި ޝަހާ އާ ދިމާލަށް ބަލައިލާފާނެ ހެންނެވެ. ޝަހާއަށް ހޭވެރިކަންވީ ލިބުނު ސިހުމުގައެވެ. ވަށައިގެންވާ މާހައުލަށްވެސް ނަޒަރު ހިންގާލެވުނީ ދެނެވެ. ކުރިމަތީގައި ފެންނަން އޮތީ މޫދެވެ. ހުރެވުނީ ރަށުގެ އަނެއްކޮޅުގެ ތުނޑީގައިކަން އެނގުނު ހިނދު އެނބުރި ދާން ޝަހާ އުޅުނެވެ. އެހެންނަމަވެސް އިވުނު ފިރިހެންވަންތަ އަޑު ޝަހާގެ ފައިގައި ކަސްތޮޅު އެޅުވި ކަހަލައެވެ.

" އަހަރެންގެ ފަހަތުން މޫދަށްވެސް އެރެން ތައްޔާރަށްތަ ތިހިރީ.." އަދީމް ފަސް އެނބުރި ބަލައިލަމުން އޭނާގެ ބަރުއަޑުން ބުނެލި ޖުމްލަ އިވިފައި ޝަހާ ގައިން ހީބިހި ނަގައިގަތެވެ. ލަދުންގޮސް ހުރި ދިމާލުން އަޑިއަށް ދާނެ ނަމައޭ ޝަހާގެ ހިތަށް އެރިއެވެ.

-ނުނިމޭ-

  1. ހެއި

    ހަމަ މަރެއް