ޚަބަރު

ކުޑަ ކުއްޖާ ގެއްލުން: 4706 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއްޖެ، ކުއްޖާ އަދިވެސް ނުފެނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ.ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޖެހި ރާޅަކާ އެކު ކަނޑަށް ވިއްސައިގެން ދިޔަ ދެމައިންގެ ތެރެއިން ދަރިފުޅު ހޯދުމަށް ސިފައިންގެ ކުރަމުން އަންނަ މަސައްކަތުގެ ތެރޭއިން ވައިގެ މަގުންނާއި ކަނޑުމަގުން މިހާރު 4706 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއްޖެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާ ހޯދަން ކުރެވިފައިވާ މަސައްކަތުގެ އަދާހަމަ ގެނެސް ދެއްވަމުން އެމްއެންޑީއެފްއިން މިރޭ ވިދާޅުވީ ކ.އޮޅުވެލި ރިސޯޓް ކައިރީ ކަނޑު މަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ކުއްޖާ ފެނިފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ހިނގި ހިތާމަވެރި މިހާދިސާގައި ކަނޑަށް ވެއްޓުނު ކުއްޖާގެ މަންމަ ، ނާހިދާ ކަނޑުން ފެނުމާ އެކު ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އެ މަރުކަޒަށް ގެންދިޔައިރު ވެސް ނާހިދާ ވަނީ ނިޔާވެފަައި ކަމަށް މައުލޫމާތު ލިބެއެވެ.

ނާހިދާގެ ހަގު ދަރިފުޅު ގެއްލިފައިވާއިރު ގެއްލުނު ކުޑަ ކުއްޖާ ހޯދަން ސިފައިންގެ ވަނީ އާންމުންގެ އެހީއަށް ވެސް އެދިފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ކުއްޖާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި އަދި ފެކްސް ކުރައްވާ ނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފްއިން އެދިލައްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!