ކުޑަކުއްޖަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް

ކުޑަކުއްޖަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަޕަރ ނޯތު ޕޮލިސް (ހއ. ހދ. ށ) އަތޮޅު ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް 18އަހަރުން ދަށުގެ ކުއްޖަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކޮށްފައި ވަނީ އުމުރުން 15އަހަރުގެ އަންހެން ކުއްޖަކު 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިނިސްޓްރީ އޮފް ޖެންޑާއާ ގުޅިގެން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއީ ކުޑަ ކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ، މި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ނަމާއި، ނިސްބަތްވާ އަތޮޅާއި ރަށް ވަނީ ސިއްރުކުރެވިފައެވެ.