ޚަބަރު ސިޔާސީ

އިންޑިއާ ސިފައިން ބާލަން ގޮވައިލާ ޙަރަކާތް ދެން ނުހުއްޓުވޭނެ: އަދުރޭ

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ ހިނގާލުން. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވޭ

ރާއްޖޭގައި ބޭރުގެ ސިފައިން ޤާއިމުވެ ތިބުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާ ގޮތް ނޫންކަން މިއަދު ހަވީރު ބޭއްވި ހިނގާލުމުން ފެނިގެން ގޮސްފައިވާ ކަމަށާއި އެހެންކަމުން އިންޑިއާ މިލިޓަރީ ބޭރުކުރަން ފަށައިފައިވާ ޙަރަކާތް ދެން ނުހުއްޓުވޭނެ ކަމަށް ސަރުކާރާ ވާދަވެރި ކޯލިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދިވެހި ރައްޔިތުން ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު ފެނިގެން ދިޔައީ ދިވެހި ލޭ ހިނގާ ދިވެހި ގައުމިއްޔަތުގެ ވިންދު ޖަހާ ދަރިންތަކެއް މި ޤައުމުގެ ފަސްގަނޑުގައި އަދިވެސް ތިބިކަން ކަމަށާއި އެހެންކަމުން އެކަމުގެ ސަބަބުން ބޭރުގެ ސިފައިންނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިތުރު ހިތްވަރެއް ލިބިގެން ގޮސްފިކަމަށެވެ.

"މިއަދު މިއޮތް ޣައްދާރުންގެ ސަރުކާރަށް މިހާރު އެނގޭނެ މި ޤައުމުގައި އަދިވެސް ޤައުމު ދެކެ ލޯބިވާ ދިވެހި ލޭ ހިނގާ ދަރިން އެބަ ތިބިކަން. މި ފަހުގެ ތާރީޚެއްގައި ވެސް ދިވެހިންގެ ތެރެއިން އެންމެ ބޮޑު ޚިޔާނާތެރިންގެ ގޮތުގައި ރައީސް އިބްރާހިމު މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގެ މުޙައްމަދު ނަޝީދު، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީމެންނަކީ ތާރީޚުގެ ފަތްފުށްތަކުގައި ކަޅު އަކުރުން ލިޔެވޭނެ، ޤައުމަށް ގައްދާރުވީ މީހުންގެ ގޮތުގައި ލިޔެވޭނެ ނަންތަކެއް" އަދުރޭ ވިދާޅުވިއެވެ.

މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން

އަދުރޭ ވިދާޅުވީ ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހިންގަވައިފައިވާ އަޑިނޭނގޭ މުއާމަލާތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރައިފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ނުވަތަ އެ ނޫން ވެސް ބޭރުގެ އިސްތިއުމާރީ ބާރެއް ރާއްޖޭގައި ޤާއިމުވެ ތިބުމަކީ ދިވެހިން ޤަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެކަން މިއަދު ހިނގައިލުމުގައި ބައިވެރިވި މީހުންގެ އަދަދުން ސާބިތުވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ހަރަކާތް ދެން ހުއްޓުވައި ނުވެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވި މިނިވަންކަމުގެ ހިނގާލުމަށް ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.

މިސަރުކާރުން ވެރިކަމާއި ހަވަލުވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާ ފަދަ އެތައްކަމެއް ކޮށްފައިވާއިރު، މިކަންކަމުން އަރައި ގަތުމަށް ދިވެހި ރައްޔިތުން ނިކުތުމަކީ މިއަދު ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!