ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގެންފި
(ހދ.ކުޅުދުއްފުށިން) ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މިފަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ކުޅޭ އެކުވެރި ކަމުގެ މެޗުގައި ބައްދަލު ކުރާނީ ރާއްޖޭގެ ޤައުމީ ޓީމާއި ކުޅުދުއްފުށިން ހޮވައިލެވޭ ޓީމެކެވެ.
މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައިދަނީ ފާހަގަ ކުރަމުންނެވެ. އޮކްޓޯބަރު 22ވަނަ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަ ކުރަނީ، އެ ދުވަހަކީ 18 އަހަރުން މަތީގެ ފަރާތްތަކަށް ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ބައިވެރިމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސްކަމުގައި ވާތީއެވެ.