ސަރުކާރު

ރައީސްގެ މެސެޖެއް ޒުވާނުންނަށް: ދެއަތް އުރައިލައިގެން ތިބުމަށް ވުރެ ވަޒީފާއެއް އަދާ ކުރުން ބުއްދިވެރި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/ރައީސް އޮފީސް

(ހދ.ކުޅުދުއްފުށިން) ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުގެ ބޭނުން، ޒުވާނުން ހިފުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

Ads by STELCO

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދަށް ބަލާލުމުން އެކަން ޔަޤީންވާ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ކިތަންމެ ކުޑަ އުޖޫރައެއްގައި ނަމަވެސް ވަޒީފާއެއް އަދާ ކުރުން ކަމަށާއި އާއިލާގެ ފުދުންތެރިކަން އިތުރުވާނީ ވެސް އޭރުން ކަަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތެއް ނުކޮށް ތިބި ވަރަށް ގިނަ ޒުވާނުންތަކެއް މިހާރު ވެސް އެބަތިބި. ހަމައެއާއެކު ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް މަސައްކަތުގެ ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަ ހުރިކަން" ރައީސް ޞާލިޙް ވިދާޅުވީ، ޒުވާނުން ވަޒީފާތަަކަށް ނިކުމެއްޖެ ނަމަ އެތައް ފައިސާއެއް ރާއްޖޭން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމަށެވެ.

"ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރާނީ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ފަށައިގެން ކުރިއަށް ދިއުމަށް، ކިތަންމެ ކުޑަ ނަމަވެސް އާމްދަނީއެއް ލިބުމަކީ، އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ، އެތައް ގޮތަކުން ރަނގަޅު ކަމެއް. ޤައުމީ ފެންވަރުގައި ވިސްނިޔަސް، އެއީ އެތައް ފައިސާއެއް ރާއްޖޭން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމެއް. އަދި ޢާއިލާތަކުގެ ފުދުންތެރިކަން ވެސް އިތުރުވެގެންދާނެ ކަމެއްކަން ޔަޤީން."

ޒުވާނުން ވަޒީފާއަށް ނިކުތުމަށް ރައީސް ޞާލިޙް ގޮވައިލައިފައި މިވަނީ، ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ޒުވާނުންނަކީ ވަޒީފާ ނެތް އަދި ތައުލީމީ ގޮތުން ވެސް ހަރަކާތްތެރި ނޫން ޒުވާނުންކަމަށް މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާފައި ވަނިކޮށެވެ.

ރައިސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤާބިލް ޒުވާނުން ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި މާދަމާގެ ޤައުމު ހިންގަން ތިބި މިއަދުގެ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ. މިގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވައިލީ ވެސް ގައުމަށް ބޭނުންތެރި އަދި މަސްއޫލިއްޔަތު އަދާކުރެވޭ ޒުވާނުން ބިނާކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާން އުމަރަކީ ހަޔާތުގެ އެންމެ އަގު ބޮޑު ދުވަސްވަރުކަން ފާހަގަކުރައްވަމުން، ރައީސް ވަނީ އެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ކޮންމެ ޒުވާނަކީ ވެސް ޤައުމަށް ބޭނުންތެރި، ޚިދުމަތްތެރި ޒުވާނަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.

Ads by HDC
  1. ވަޒީފު

    ވަޒީފާ އަށް ދިއުމުން އެކަށީގެން ވާ އުޖޫރަ އެއް ނުދެވޭ. ދޭން ނުވެސް ނިންމުން އިސްތިއުފާ ދީފާ ގެޔަށް ކަޑާލާ.