ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދެއްވުމަށް މުޢިއްޒު ސަމާލުކަމެއް ނުދެއްވާ: ނަހުލާ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކައުންސިލަށް ހުށަހަޅުއްވާ ކަންްކަން ހައްލުކޮށްދެއްވުމަށް ޓަކައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރައްވާކަމަށް އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ކަންބޮޑުވުން ހުށްހެޅުމުން މޭޔަރު މުޢިއްޒުގެ ފަރާތުން ސަމާލުކަން ލިބިވަޑައި ނުގަންނަވާކަން ހާމަ ކުރައްވައި ނަހުލާ ވަނީ މިއަދު ބަޔާނެއް ވެސް ނެރުއްވައިފައެވެ.
"އަޅުގަނޑު މުގައްރިރަކަށް އިންނަ ވިލިމާލެ ސާވިސަސް ކޮމިޓީއަށް ވެސް ވިލިމާލޭގެ ކަންކަން ހުށަހަޅައިގެން ކުރުމަށް ވަނީ ދަތިވެފައި. މޭޔަރުގެ ސަމާލުކަމަށް މިކަން ގެނައުމުން ވެސް މިކަމަަށް ހައްލެއް ހޯއްދަވައި ނުދެއްވާކަން ފާހަގަކުރަން. ކައުންސިލް ބައްދަލުވުންތަކުގައި ވެސް ވާނީ މި ވާހަކަ ދައްކައިފައި،" ވިލިމާލޭ ކައުންސިލަރު ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ނެރުއްވި ބަޔާނުގައި ވަނީ ވިލިމާލޭގައި ހުންނަ ސިނަމާލޭ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް ދެ ހަފްތާއެއްގައި ވިދިވިދިގެން ހުށަހެޅުމުން ވެސް މޭޔަރުގެ ފަރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކޮށްދީފައި ނުވާ ކަމަށެވެ.