ބަޖެޓަށް ޚިޔާލު ހޯދުމަށް އެމްއެންޕީއިން އަތޮޅު ތެރެއަށް ދަތުރުތަކެއް ކުރަނީ!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ނެޝަަނަލް ޕާޓީ (އެމްއެންޕީ)އިން އަތޮޅު ތެރެއަށް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ފަހު އެ ޕާޓީއިން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ތަފާތުކޮށް މަސައްކަތްކުރާނެ ޕާޓިއެއް ކަމަށާއި އެގޮތުން އެ ޕާޓީއަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި ގައުމު ހަލަބޮލިކޮށްލައިގެން ސިޔާސީ މަންފާތަކެއް ހާސިލްކުރާން ޕާޓިއެއް ނޫން ކަމަށެވެ. އަދި އެ ޕާޓީއަކީ ރައްޔިތުންނާ ގާތުން ކަންކަމަށް ލަފާ ހޯދާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށެވެ.
މަޖިލީހުގައި ރަސްމީކޮށް ޕާޓީ ތަމްސީލުކުރަން ފެށުމުން އެކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ނާޒިމު ވިދާޅުވިއެވެ.
" މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 10 އެމްޕީއިން ރައްޔިތުންނާ ގާތުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ޙައްގުގައި މަސައްކަތް. މަޖިލީހުގައި އަޅުގަޑުމެންނަށް ރިކޮގްނިޝަން ލިބޭ ހިސާބުން އަޅުގަނޑާއި އަޅުގަނޑުގެ އަޚު ޢަބްދުﷲ ރިޔާޟުއާއި އެމްޕީ އުޝާމްއާ ގުޅިގެން މަސައްކަތްތައް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އެގޮތުން ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދޭނަން. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އަތޮޅު ތެރެއަށް ދަތުރުކޮށް ރައްޔިތުން އެންމެ ބޭނުންވާ ކަންކަން އޮޅުން ފިލުވައި ބަޖެޓުގައި އެކަންކަން ހިމެނޭތޯ ވަރަށް މަސައްކަތް ކުރާނަން. މިހެން ދެންނެވިޔަސް ހުރިހާ ރަށަކަސް ދަތުރު ނުކުރެވޭނެކަން ވެސް އެނގޭ. ނަމަވެސް ވީހާ ވެސް ގިނަ ރައްޔިތުންގެ ޚިޔާލު ހޯދޭތޯ މަސައްކަތް ކުރާނަން" ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީއިން މި ދަތުރުތައް ކުރާނީ ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލައިގެން ދަތުރުކުރާނެ ކަމަށާއި އަދި މި ދަތުރުތައް މި އަންނަ ހަފްތާއިން ފެށިގެން ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ރައްޔިތުންގެ ގާތަށް ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. ބަޖެޓު ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރު އިބްރާޙިމު އަމީރުއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހަޅުއްވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.