ޚަބަރު

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ، ސްޓެލްކޯއިން މަރާމާތު ކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑަރ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ. އެކަމަށް ޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރި ލިއުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އައިޝަތު މުހައްމަދުދީދީއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީއެވެ.

Ads by MWSC

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު މުހައްދުދީދީ ވިދާޅުވީ، މިއަދަކީ އެ މިނިސްޓްރީއަށް ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނުނު ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ނުކޮށް އަދި ބޭނުން ނޮުކޮށް ހުންނަތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިންގ ޑިރެކްޓަރ މުޣުނީއަށާއި، އެކަމުގައި އަމަލީގޮތުން ބައިވެރިވި، އެންމެހާ ފަރާތްތަކަށް މިނިސްޓަރ ވަނީ ހާއްސަ ޝުކުރެއް ދަންނަވައިފައެވެ.

"މިވަގުތު ވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަ ށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާ ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލިފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭނގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށް ވެސް ހާއްސަ އުފަލެއް ލިބިގެންދާކަމަށެވެ.

"އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައި މިވަނީ އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން" މުޢުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކިއެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިހިންގިގެން ދިޔަ ފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއް ނެތި ކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވައި އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށް ޓަކައި، ނައިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދުދީދީއާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުޢުނީ ވަނީ ޝުކުރު ދަންނަވައިފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ 5ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި 2 ފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ 6 ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓްކޮށް ބެއްދުން ހިމެނެއެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާ ގުޅުވައިގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށް ވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރު ކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!