މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާ އެކު ހިންގާ ރައްޔިތުންނާ ގާތުން ހިދުމަތް ދޭ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އަޑު އަހަން މި ސަރުކާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ތައްޔާރު ކަމަށް ވިދާޅުވިއެވެ. މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ހުރިހާ ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި އެގޮތުން ޚިދުމަތްތަކުގެ ފަސޭހަކަން ލިބެން ޖެހޭނީ މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިއަދު ފެންނަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުން ހަރުދަނާ ވެގެންދާއިރު ސަރުކާރުން ހުރިހާ ރައްޔިތުންނާ ހަމައަށް ޚިދުމަތްތައް ފުޅާކޮށް، ފުރިހަމަ ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ތައުލީމީ ނިޒާމު ފުރިހަމަ ކުރުމަށް ޓަކައި ކްލާސްރޫމްތައް އެޅުމާއި އައު ސްކޫލްތައް އެޅުމާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމާއި، މިހެން ގޮސް ތަފާތު އެކި މަސައްކަތްތައް މުޅި ރާއްޖެއިން މިއަދު ފެނިގެންދާނެކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށައިފައި ވަނީ އެ ސިޓީގައި މިދިޔަ ޖަނަވަރީ މަހު ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލި ދިއުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ އެދުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވުމަށް އެއްބަސްވެވަޑައިގަތުމުންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ.)ގެ ސީ.އެސް.އާރު.ގެ ތެރޭގައި ހިމެނިގެންނެވެ.
މި ރަސްމިއްޔާތުގައި ވަނީ ލަފާ ފުރުމާއި ނެރު ބޭނުންކުރުމުގައި ހިނގައިފައިވާ މިފަދަ އެހެނިހެން ހާދިސާތަކުގައި ފުރާނަ ގެއްލި ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީގައި ކުރިޔަށް ގެންދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިހާރު ފުވައްމުލަކު ސިޓީއަށާއި އައްޑޫސިޓީއަށް ފައްޓަވައިފައިވާ 4 ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އިސްތިއުފާދީފަ ގޭގައި ހުންނަވާ.