ފަރިވާ ފިހާރަ އެނދީ ސްޓެލްކޯގެ އިހުމާލަކުން ނޫން: ސްޕްރީމް ކޯޓް
2016 ވަނަ އަހަރު ފަރިވާ އިލެކްޓްރޯނިކްސް ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހްމާލުން ކަމަށް ކަނޑައެޅުން ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ސްޕްރީމް ކޯޓުން ކުރި ހުކުމުގައި އިތުރަށް ވިދާޅުވީ މާފަންނު ފާމުދޭރި މަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްގައި އަލިފާން ރޯވެފައި ވަނީ ފިހާރަ ކުރިމަތީގައި އޮތް ދުވާރު މަތީގައި ސްޓެލްކޯއިން ބަހައްޓައިފައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިން ކަމަށް ބުނެ މިހާދިސާގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 33 މިލިއަން ހޯދަން ފިހާރައިގެ ވެރިމީހާ ހުސައިން ރަޝީދު ދައުވާ ކުރި ނަމަވެސް ފަރިވާ އިލްކްޓްރޯނިކްސް ފިހާރައިގައި އަލިފާން ރޯވެ އެ ފިހާރަ އެއްކޮށް އެނދީ ސްޓެލްކޯގެ އިހުމާލުން ކަމަށް ކަނޑައެޅެން ނެތް ކަމަށާއި، އަދި ބަދަލުގެ ގޮތުގައި ހޯދަން އެ ފިހާރައިގެ ވެރި މީހާ އެދުނު 33 މިލިއަން ރުފިޔާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
މިހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއް ގޮތުގައި 33 މިލިއަން ރުފިޔާ ހޯދުމަށް ފިހާރައިގެ ވެރިމީހާ އެންމެ ފުރަތަމަ މައްސަލަ ހުށަހަޅައިފައި ވަނީ ސިވިލް ކޯޓުގައެވެ. އެހެން ނަމަވެސް ފިހާރައިގައި އަލިފާން ރޯވީ ސްޓެލްކޯއިން ބަހައްޓައިފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށީގެ ސަބަބުންކަން، މައްސަލައިގައި ހުށަހެޅި ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާތީ މިހާދިސާގެ ސަބަބުން ފިހާރައަށް ލިބުނު ގެއްލުމަށް ސްޓެލްކޯ ޒިންމާކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ވެސް ވަނީ ނިންމައިފައެވެ.
އެހެންކަމުން ފިހާރައިގެ ވެރިމީހާ ދެން މިމައްސަލަ ވަނީ ހައިކޯޓަށް ހުށައަޅައިފައެވެ. އެހެން ނަމަވެސް ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ވެސް ތާއިދު ކުރުމުން އޭނާ ދެން މި މައްސަލަ ހުށަހެޅީ ސްޕްރީމް ކޯޓަށެވެ.
މިމައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވީ އަލިފާންގަނޑު ފެށިގެން ދިޔައީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށްޓަކުން ކަމަށް ބުނި ނަމަވެސް، އެ ޑިސްޓްރިބިއުޝަން ފޮށިން ، ހެކީގެ ގޮތުގައި ގެންދިޔަ ކަރަންޓް ކޭބަލްގެ ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަނުން، އެ ފޮށީގައި ހުރި ކަރަންޓް ކޭބަލްތަކުގައި ރޯވެފައި ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަައި ފިހާރަައިގެ ވެރި މީހާ ހުށައެޅި ކަންކަމަކީ އަލިފާން ފެށިގެން އައި ގޮތް ސާބިތުކޮށްދޭ ހެކިބަހަކަށް ނުވާއިރު، ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަންގެ ނަތީޖާ ނަފީކުރެވޭ ފަދަ ހެއްކެއް ނޫން ކަމަށް ސްޕްރީމް ކޯޓުން ވިދާޅުވެފައި ވެއެވެ.