ޓެކްނޮލޮޖީ

ފޭސްބުކްގެ ނަން "މެޓަ"އަށް ބަދަލު ކުރީ ކީއްވެ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެންމެން މިއަދު ދައްކަނީ އެއް ވާހަކައެކެވެ. ފޭސްބުކްގެ ނަން ބަދަލުވި ވާހަކައެވެ. އެއް ބަޔަކު މިކަމަށް ޖޯކް ޖެހިއިރު, އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ އައު ފެށުމެއް ކަމަށެވެ. އެހެން ނަމަވެސް ބޮޑު ސުވާލު އޮތީއެވެ. މިފަދަ ބަދަލެއް ގެނައީ ކީއްވެގެން ހެއްޔެވެ؟

އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ކަމެއް ސާފުކޮށްލަން އެބަޖެހެއެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ، "މެޓަ" ވެގެންދާނީ ފޭސްބުކްގެ ސޯޝަލް މީޑިއާ އެޕަށް ކަމަށެެވެ. އެހެން ނަމަވެސް، ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރި ނަމަވެސް، އެކުންފުނީގެ އެޕްލިކޭޝަންކަމަށްވާ ފޭސްބުކްގެ ނަމަކަށް ބަދަލެއް ނާންނާނެއެވެ. ބަދަލު ކުރީ، ވަޓްސްއެޕް، އިންސްޓަގްރާމް ފަދަ އެޕްލިކޭޝަންތަކުގެ ބެލެނިވެރި ކުންފުނީގެ ނަމެވެ.

މިބަދަލު ފޭސްބުކްއިން ގެންނަން ނިންމީ، ފޭސްބުކަކީ ހަމައެކަނި މީސްމީޑިއާ މަންސައެއްގެ ގޮތުގައި ލޭބަލް ވެފައި އޮތްއޮތުން ބަދަލު ކުރުމަށްކަމަށް ފޭސްބުކްއިން ބުނެއެވެ. މީގެ އިތުރުން ފޭސްބުކްއަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އެޕްލިކޭޝަނަށް ވެފައި، ކުރިޔަށް އޮތްތަނުގައި އެ ކުންފުނިން ނެރޭ އެހެން ޕްރަޑަކްޓްތަކަށް އެކަމުން ނޭދެވޭ އަސަރު ކުރާނެތީ، އެކަން ކުޑަކުރަން ނިންމި ނިންމުމެއް ކަމަށް ވެސް މަސްދަރުތަކުން ހާމަކުރެއެވެ.

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރަން، އެ ކުންފުނީގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް އިއްޔެ ބޭއްވި އެކުންފުނީގެ ވަރޗުއަލް ރިއަލިޓީ އެންޑް އޮގްމެންޓަޑް ރިއަލިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވިދާޅުވީ، ފޭސްބުކްއިން މިހާރު އަމާޒު ހިފައިފައި ހުރީ، އޭއާރު އަދި ވީއާރު ބޭނުންކޮށްގެން ޑިޖިޓަލް ދުނިޔެއެއް އުފެއްދުމަށް ކަމަށެވެ. ފޭސްބުކްއަކީ މިހާރު ވެސް އޯގްމެންޓެޑް ރިއަލިޓީއާއި ވާޗުއަލް ރިއަލިޓީ ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާކުރާ ކުންފުންޏެވެ.

"މެޓަ" ނަމަކީ ވެސް މިގޮތަށް އައި ނަމަކެވެ. މެޓަ ނަން އައިސްފައި ވަނީ މެޓަވާސްއިންނެވެ. މެޓަވާސް އަކީ ވާޗުއަލް ދުނިޔެއެކެވެ. ޚިޔާލީ ދުނިޔެއެކެވެ. ފޭސްބުކްއިން ބޭނުން ވަނީ މި ވާޗުއަލް ދުނިޔެ ތަރައްޤީކުރުމެވެ. އަދި މެޓައިން އަމާޒު ހިފަނީ އެއްބަޔަކު އަނެއް ބަޔަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބެ، ދިމާވެ ހެދުމުގެ ޤާބިލުކަން ހޯދައިދިނުމަށް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

  1. ކިލޭ

    އާޗާ!، ސަޅި