ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރިފޯމު ކުރުމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީ ކޯލިޝަނުންވީ ވައުދު ނުފުއްދި މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
"އަވަސް"ނޫހުގެ އަވަސް ހުކުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ، ޖުޑިޝަރީއަށް އޮތް އިތުބާރު ބޮޑު ކުރުމަށް ޓަކައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވައުދެއްކަން ވެސް ފާހަގަކުރައްވައި ރިޔާޟް ވިދާޅުވީ، އެ ވައުދު ނުފުއްދާ ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
" އެކަމަކީ އަވަސްވާން ޖެހޭ ކަމެއް. އަދި ވަކިން ޚާއްޞަކޮށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭބޭފުޅުން މައްސަލަތަކެއް ތަޙުޤީގުކުރެވެމުން އަދި ސިޔާސީ އެހެން ބައެއް ބޭބޭފުޅުންގެ ވެސް މައްސަލަތައް ޝަރީޢަތުން ތަޙުގީގުކުރަމުންދާއިރު ރައްޔިތުންނަށް ޔަޤީންކަން ދިނުމަށް ޓަަކައި ޖުޑީޝަރީ އިންޑެޕެންޑެންޓުކަން ޔަޤީންކުރުމަށް ޓަކައި ވެސް ޖޭއެސްސީއަށް ބަދަލު އަންނަން އެބަ ޖެހޭ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަޖިލީހަށް މިހާރު ވެސް ހުށަހެޅިފައި އެބައޮތް. އެކަމަށް އަވަސް ހައްލެއް އަންނަން ޖެހޭ" ރިޔާޟް ވިދާޅުވިއެވެ.
ރިޔާޟު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމިއްލަފުޅު ވިސްނުމުގައި ކުރައްވަން އުޅުއްވާ ކަމެއް ކަމަށާއި އޭނާގެ ތާޢީދު އޮތީ ފުރިހަމަ ރިޔާސީ ނިޒާމަށް ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމުކަމުގައިވީ ނަމަވެސް އަދި އެ ނިޒާމު މުޅިން ފުރިހަމަ ނުވާ ކަމަށާއި އެހެންކަމުން ރިޔާސީ ނިޒާމް ފުރިހަމަކޮށް ވެރިކަން ކުުރުމަށް އޭނާ ތާޢީދުކުރައްވާ ކަމަށް ރިޔާޟް ވިދާޅުވިއެވެ.
އެބުނާހެން ރޯމާ ދުވާލުކުރި ބަޣާވާތް ވެސް ބެލީކީ ނޫން