ޚަބަރު ސަރުކާރު

އަންނަ އަހަރުގެ ބަޖެޓު: ތިން ބާރުގެ ވެރިންގެ ގެކޮޅަށް 39 މިލިއަން ރުފިޔާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި، ދައުލަތުގެ ތިން ބާރުގެ ވެރިންގެ ގެކޮޅުގެ ހަރަދަށް 39.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

Ads by STELCO

މި އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް ފަހު، އެމަނިކުފާނާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއަށް ދިރިއުޅުއްވުމަށް ދައުލަތުން ވަނީ ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފައެވެ.

ރައީސް ނަޝީދަށް ހަމަޖައްސައިދީފައި ވަނީ މ. މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދީފައި ވަނީ ރެހެންދި ފްލެޓުގެ އެޕާޓްމެންޓެކެވެ. މި ދެބޭފުޅުން ވެސް ދިރިއުޅުއްވުމަށް ވަކިން ތަނެއް ހަމަޖައްސައިދެއްވައިފައި ވަނީ އެބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން، ވަގުތީ ގޮތުންނެވެ.

ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވައިފައި ވަނީ މުލިއާގެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ 27.3 މިލިއަން ރުފިޔާއެވެ. މިއަހަރު މުލިއާގެއަށް ހަރަދުކުރުމަށް ނިންމައިފައި ވަނީ 24.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރު މުލިއާގެއަށް 2.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅަށް އަންނަ އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓަކީ 6.9 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓުން އެ ގެކޮޅަށް ހަރަދުކުރަން ނިންމައިފައި ވަނީ 245،000 ރުފިޔާއެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ ގެކޮޅަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 6.6 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެއެވެ.

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ އަންނަ އަހަރުގެ ބަޖެޓަކީ 5.4 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓުން އެ ގެކޮޅަށް އެއްވެސް ހަރަދެއް ކުރި ކަމަކަށް ބަޖެޓު ފޮތުގައި ބުނެފައެއް ނުވެއެވެ.

Ads by Allied Insurance
  1. ރައްޔިތުމީހާ

    ތީފުކެއްބޮޑުވަރ