ޕާޓީތަކަށް ދިޔުމާއި ރޭގަނޑު ބޭރުގައި އުޅުން އާރްޔަންއަށް މަނާކޮށްފި

ބޮލީވުޑްގެ ސުޕާސްޓަރ ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލި ކަމުގައި ވިޔަސް، އޭނާއަށް ވަނީ އޭނަގެ މައިންބަފައިން ގަވާއިދުތަކެއް ހަދައިފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޝާހްރުކް ޚާނާއި އޭނާގެ އަންހެނުން ގޯރީ ޚާން ވަނީ އާރްޔަންއަށް ބައެއް ކަންކަން މަނާ ކޮށްފައެވެ. އެގޮތުން އޭނާއަށް ވަނީ ޕާޓީތަކަށް ދިޔުމާއި ރޭގަނޑު މާ ދަންވަންދެން ބޭރުގައި އުޅުން މަނާ ކޮށްފައެވެ.
ޖަލުގައި 25 ދުވަސް ހޭދަ ކުރުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލުމުން އާރްޔަން އަނބުރާ ގެއަށް ދިޔައީ އިއްޔެއެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކުރުމުގެ ޔަގީންކަން ދީފައި ވަނީ ބޮލީވުޑް އެކްޓްރެސް އަދި ޝާހްރުކްގެ އެކުވެރި ޖޫހީ ޗާވްލާއެވެ.
އާރްޔަން މިނިވަންވީ ފަހުން ޝާހްރުކްއާއި ގޯރީގެ އެންމެ ބޮޑު ޒިންމާއަކަށް ވެފައިވަނީ އެމީހުންގެ ދޮށީ ދަރިފުޅުގެ ރައްކާތެރިކަމެވެ. އެގޮތުން އާރްޔަންއަށް މިހާރު ވަނީ ބޮޑީގާޑެއް ވެސް އައްޔަން ކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކަފާލާތުގެ ދަށުން އާރްޔަން ދޫކުރި ކަމުގައި ވިޔަސް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 11:00އިން މެންދުރު 2:00އަށް އޭނާއަށް އެންސީބީއަށް ދާން ޖެހެއެވެ.