ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނިގޮތުގައި ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ މޫސުން ކުރިއަށް އޮތް 3 ދުވަހު ވެސް ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދެ ބަޔަކަށް މިހާރު ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށާއި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީއާއި ހއ. އަތޮޅުން ޅ. އަތޮޅަށް ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.