ދީބާޖާ މައްސަލަ: ދެން އޮތީ ދެފަރާތުގެ ހުލާސާ ބަޔާން އިއްވުން

ދީބާޖާ އިންވެސްޓްމެންޓަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެން އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުން ކަމަށް މިއަދު ނިންމައިފިއެވެ.
މިއީ މި މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފައިވާ ތިންވަނަ ފަހަރެވެ. މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ދައުލަތުގެ ފަރާތުން ރައްދު ދިނުމެވެ.
ދީބާޖާ ކުންފުނީގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ރައްދުދެމުން، އެކުންފުންޏާ އެކީ އެއްބަސްވުމަށް ދިއުމާ ހަމައިން ފެށިގެން އެއްބަސްވުން ބާތިލުކުރަން ޖެހުމާ ހަމައަށް ، ކަން ހިނގާ ދިޔަ ގޮތް ދައުލަތުން ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ. އެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ފެރީގެ ހިދުމަތް މެދުކެނޑުމަށް ފަހު ހިދުމަތް ނުލިބޭ ކަމަށް ތަކުރާރުކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ލިބުމުން އެތައް ލުޔެއް އެ ކުންފުންޏަށް ދިނުމަށްފަހުގައި ކަމަށް ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބުނެފައި ވަނީ ދީބާޖާއިން ފެރީގެ ހިދުމަތް ނުދީ އެއްބައި ރަށްރަށުގައި 45 ދުވަހަށް ވުރެ ގިނަ ދުވަސް އަދި ބައެއް ރަށްރަށުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރި ކަމަށެވެ.