ޚަބަރު

ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރަކަށް އދ.ގެ ކުރީގެ ޗީފް އޮފް ހިއުމަން ރައިޓްސް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ބައިވެރިވާ ދިވެހި ވަފުދުގެ އެޑްވައިޒަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އދ.ގެ ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަނަރު އައްޔަން ކުރައްވައިފިއެވެ.

Ads by Hajj Corporation

ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ހަމަޖެއްސެވި އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރ، ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިންއާ ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ހައިސިއްޔަތުން ޕްރިންސް ޒެޢިދު ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވައި، އަދި ރާއްޖެއާ އެކު އަލަށް ފެއްޓެވި މަސައްކަތް ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްސަލައަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމަކަށް ވަރަށް ނާޒުކު މައްސަލަތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބަލާއިރު ކޮޕް26ގެ ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޒެޢިދު ވަނީ ރާއްޖޭގެ ވަފުދަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ވަފްދާ ގުޅިވަޑައިގެންނެވުމަށް އެ މަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންނެވުން އެއީ ލިބުނު ފަޚުރެއްކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޒެޢިދު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މީގެ އިތުރުން، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކުން އަރައިގަތުމަށް ޓަކައި، ވިލުންވެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ޓަކައި ކުރަންޖޭ ކަންކަން ކުރުމަށް އިތުރު އެހީއަށް ބޭނުންވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ނުލިބުން އެއީ ކުރިމަތިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައިފައެވެ. އަދި ދެ ބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރާއްޖޭގެ ވަފްދުގެ ބޭފުޅުންނަށް ލަފާއެރުވުމަށް ޕްރިންސް ޒެޢިދު ހުންނެވުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޕްރިންސް ޒެޢިދުގެ ހުރި ތަޖުރިބާއާ އެކު މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިނަކީ އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. މީގެ ކުރިން ޕްރިންސް ޒެޢިދު ވަނީ އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު 2014އިން 2018އަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވައިފައެވެ. އަދި އ.ދ.އަށް އެ ޤައުމުން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުގެ ހައިސިއްޔަތުން (2000-2007 އަދި 2010-2014) އަދި އެ ޤައުމުން އެމެރިކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން (2007-2010) އެމަނިކުފާނު މަސައްކަތް ކުރައްވައިފައިވެއެވެ.

މީގެ އިތުރުން ޕްރިންސް ޒެޢިދު ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި މަސައްކަތް ކުރައްވައި، އ.ދ.ގެ ޕީސް ބިލްޑިންގ ކޮމިޝަންގެ ކޮންފިގަރޭޝަން ޗެއަރކަން ކުރައްވައި، އަދި ކުރީގެ ޔޫގޮސްލާވިއާގައި އ.ދ.ގެ ފަރާތުން ޞުލްޙަ ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!