އޭޝިއާ

އިންޑިއާއިން އަމާޒު ހިފީ 2070 ވަނަ އަަހަރު ނެޓް ޒީރޯ ޤައުމަކަށް ވާން: ގިނަ ބަޔަކު ފާޑު ކިޔަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2070ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް އިންޑިއާއިން ވައުދުވެއްޖެއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ވައުދު ވެވަޑައިގެންނެވީ ގްލާސްގޯގައި މިހާރު ކުރިޔަށްދާ ކޮޕް26 ސަމިޓްގައެވެ. މިއީ އިންޑިއާއިން ނެޓް ޒީރޯ ޓާގެޓެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ނެޓް ޒީރޯ، ނުވަތަ ކާބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ މާނައަކީ، ޖައްވުގައި ގްރީންހައުސް ގޭސް އެކުލެވޭ މިންވަރު އިތުރުނުވުމެވެ.

ޗައިނާއިން 2060 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ކުރުމަށް ނިންމައިފައިވާކަން ހާމަކޮށްފައިވާއިރު، އެމެރިކާއާއި އީޔޫގެ އަމާޒަކީ 2050 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުން ކަމަށް އެޤައުމުތަކުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާއަކީ ޗައިނާ، އެމެރިކާ އަދި އީޔޫއަށް ފަހު ކާބަންޑައިއޮކްސައިޑް ބޭރުކުރާ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ގައުމެވެ.

އެހެން ނަމަވެސް އެޤައުމުގެ އާބާދީ ގިނަވުމުގެ ސަބަބުން ދުނިޔޭގެ އެހެން ބޮޑެތި އިގުތިސޯދުތަކަށް ވުރެ އެ ގައުމުގެ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނައެއް މަދެވެ. 2019ވަނަ އަހަރު އިންޑިއާއިން އާބާދީގެ ބޮލަކަށް 1.9 ޓަނުގެ ކާބޮންޑައިއޮކްސައިޑް ބޭރުކުރިއިރު، އެމެރިކާއަށް 15.5 ޓަނު އަދި ރަޝިޔާއަށް 12.5 ޓަނުގެ ކާބޮންޑައިއޮކްސައިޑް ވަނީ ބޭރުކޮށްފައެވެ.

މޯދީ މި ވަޢުދުވެވަޑައިގެންފައި ވަނީ އެ މަނިކުފާނުގެ ޤައުމުން ވެފައިވާ 5 ވަޢުދުގެ ތެރެއިން އެއް ވަޢުދުގެ ގޮތުގައެވެ. އޭގެ ތެރޭގައި 2030 ވަނަ އަހަރު އަންނަންވާއިރަށް އިއާދަކުރަނިވި ހަކަތައިގެ 50 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތަކުން އިންޑިއާއަށް ލިބޭނެ ކަމުގެ ވައުދާއި، ހަމަ އެ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ޖުމްލަ މިންވަރު އެއް ބިލިއަން ޓަނުން ދަށްކުރުމަށް އިންޑިއާއިން ވެފައިވާ ވަޢުދު ހިމެނެއެވެ.

2070 ވަނަ އަހަރުގެ ނެޓް ޒީރޯ ޓާގެޓްގެ ސަބަބުން ތިމާވެށީގެ އެކްޓިވިސްޓުންނާއި ތަޖުރިބާކާރުން ނާއުންމީދުވެފައި ވީނަމަވެސް، އިންޑިއާގެ ނޫސްތަކުން މިކަން ސިފަކޮށްފައި ވަނީ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!