ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށް ރައީސް ނަޝީދުގެ ދައުވަތެއް!
ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގާނޫނު ހަދާ މަޖްލިސްތަކުގެ މެމްބަރުންނަށް ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފިއެވެ.
"ވެށި ހިމާޔަތް ކުރެވޭނީ އަހަރެމެންނަށް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ނަށް ދައުވަތު ދެއްވައިފައި ވަނީ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ހަވާސާގައި މެމްބަރުންނަށް ހާއްސަކޮށްގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.
ވެށީގެ ހިމާޔަތުގައި ރާއްޖޭން ކުރައްވާ މަސައްކަތްތައް ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ ޕްލާސްޓިކް ކޮތަޅު ރާއްޖޭން މަދުކުރުމަށް ކުރެއްވި މަސައްކަތުގެ ވާހަކަ ވެސް ފާހަގަ ކުރައްވައިފައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ވެށި ހިމާޔަތް ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަށް ވައުދުވެ ގާނޫނެއްގެ ތެރެއިން ވައުދު ފުއްދޭނެ ގޮތް ވެސް ރާއްޖެއަށް އެނގޭ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް މަޖިލީހުން ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަހަރު އޮންނަ ކޮޕް26 އެންމެ އަސާސީ އަދި އެންމެ މުހިންމު އެއް އަމާޒަކީ، ފްރިސް އެގްރީމަންޓްގެ ދަށުން، ދުނިޔޭގެ ޕްރީ-އިންޑަސްޓްރިއަލް ލެވެލްތަކަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް (2.7 ޑިގްރީ ފެރަންހައިޓް)އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ޤައުމުތަކުން ވެފައިވާ އެއްބަސްވުމަށް މަސައްކަތް ކުރޭތޯ ބަލާ، އެ މަސައްކަތް ހަރުދަނާ ކުރުމަށް ފިޔަވަޅުއެޅުމެވެ.
ދުނިޔޭގެ ޖައްވު ހޫނުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތައް މަދުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ޕެރިސްގައި 2015ވަނަ އަހަރު ކުރިޔަށް ދިޔަ ސަމިޓްގައި ދީ، ޤައުމުތަކުން ވަނީ އިންޓަރނޭޝަނަލް މުއާހަދާއެއްގައި ސޮއިކޮށްފައެވެ.