ބްރިޖުގައި ހިނގި ބޮޑު އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ބާތިލްކޮށްފި
ސިނަމާލެ ބްރިޖުގައި ހިނގި ބޮޑު އެކްސިޑެންޓާ ގުޅިގެން ޖިޕް ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސެންސް ބާތިލްކޮށްފިއެވެ.
ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި އެ ބޮޑު އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސެސްސް ބާތިލް ކުރީ އިއްޔެއެވެ. އެ އެކްސިޑެންޓް ހިނގީ މިދިޔަ ހުކުރު ވިލޭރެއެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުލޭ ކޮޅުން ބްރިޖަށް އަރައިފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ވެހިކަލްތަކުގައި ޖިޕަކުން ޖެހިގެން ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.
ޖިޕް ދުއްވަން އިން ބަންގްލަދޭޝްގެ ޑްރައިވަރުގެ ލައިސެންސް ބާތިލް ކުރުމުގެ އިތުރުން ތިން އަހަރު ދުވަސް ވަންދެން އޭނާ އަށް ލައިސަންސް ނުދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނިންމާފައިވާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.