އިންޑިއާގައި ހަލުވި ކަމާ އެކު ޒިކާ ވައިރަސް ފެތުރެނީ، 100 މީހުންނަށް ބަލި ޖެހިއްޖެ

އިންޑިއާގެ ކާންޕޫރު ސިޓީގައި ޒިކާ ވައިރަސްއަށް މިހައިތަނަށް 89 މީހަކު ފައްސިވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު ޑިޕާޓްމެންޓުން ބުނެފިއެވެ.
1947ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު ޒިކާ ވައިރަސްއަކީ މަދިރިން ފެތުރޭ ވައިރަހެކެވެ. 2015ވަނަ އަހަރު ޒިކާ ވައިރަސްގެ އެޕިޑެމިކެއް ބްރެޒިލްގައި ފެތުރުނެވެ. ޒިކާ ވައިރަސް ޖެހި އެ އަހަރު އެ ޤައުމުން އެތައް ބަޔަކު މަރުވިއިރު، ވައިރަސްގެ ސަބަބުން މައިކްރޯސެފަލީ ކިޔާ ޑިސްއޯޑަރއެއް ، ވިހާ ކުދިންގައި އުފެދުނެއެވެ. މި ޑިސްއޯޑަރގެ ސަބަބުން އުފަންވާ ތުއްތު ކުއްޖާގެ ބޮލުގެ ނާށިގަނޑު ހުންނަނީ ރަނގަޅަށް ނުއުފެދިއެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ކާންޕޫރު ޑިސްޓްރިކްޓްގެ ޗީފް މެޑިކަލް އޮފިސަރު ޑރ.ނޭޕާލް ސިންގް ރޮއިޓާސްއަށް ވިދާޅުވީ ޒިކާ ވައިރަސްގެ ވޭދަނަތައް އިތުރުވެފައިވާ ކަމަށާއި، އެ ބަލި ފެތުރުން ހުއްޓުވުމަށް ހެލްތު ޑިޕާޓްމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ކާންޕޫރުގައި ޒިކާގެ ފުރަތަމަ ވޭދަނަ ފެނިފައި ވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޒިކާ ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އިންޑިއާގައި ޒިކާ ވައިރަސް ޖެހިގެން ރިޕޯޓްތައް ކުރި ނަމަވެސް، މިއީ މި ފަދަ ބޮޑު ސާޖެއް އައި ފުރަތަމަ ފަހަރެވެ. މިހާ ގިނަ ބަޔަކަށް ބަލި ޖެހުނީ، ކޮންޓެކްޓް ޓްރޭސިންގް ރަނގަޅަށް ކުރިޔަށްތީ ކަމަށް ޑރ.ނޭޕާލް ސިންގް ޤަބޫލު ކުރައްވައެވެ.
"މީހުން ކޮވިޑަށް ފައްސިވަމުން ދަނީ އަޅުގަނޑުމެން ވަރަށް ހަރުކަށި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާތީ" ޑރ.ނޭޕާލް ސިންގް ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކުން މި ރޯގާގެ ސާވޭލަންސް އިތުރުކޮށް، ވައިރަސް ފަތުރާ މަދިރި އާލާވާ ތަންތަން ނައްތައިލަމުންދާ ކަމަށެވެ.