މިއަދުގެ މެޗަށް ދިވެހި ޓީމް ދަނޑަށް ގޮސްފި، ކާމިޔާބަށް އެދެން

އަވަށްޓެރި ސްރީލަންކާގައި އިއްޔެ ފެށުމަށް ހަމަޖެހުނު ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ފަސް ކުރި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ލަންކާއާއި ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ޓީމު ދަނޑަށް ގޮސްފިއެވެ.
ދިވެހި ކުޅުންތެރިން ދަނޑަށް އައިއިރު ތިބީ ކަޅު ޖަރޒީގައި ކަނޑު ނޫ ކުލައިގެ ޓްރެކްސޫޓްގައެވެ.
މިއަދު ހަވީރު 4 ޖަހާއިރު ފަށާ މެޗު ބައްލަވައިލައްވައި ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ލަންކާއަށް ވަޑައިގަންނަވައިފައެވެ.
މުބާރާތުގެ ޝެޑިއުލުގައި އެންމެ ފުރަތަމަ މެޗަކަށް ބަނގްލަދޭޝްއާއި ސީޝެލްސް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އިއްޔެ ހަވީރުއެވެ. އެ މެޗު މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ ހަވީރަށް ވަނީ ފަސްކޮށްފައެވެ.
އެއާ އެކު މުބާރާތް ރަސްމީކޮށް ހުޅުވުމަށް ރޭ ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު ވެސް ފަސްކޮށްފައިވާ ކަމަށް ލަންކާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ރޭ އިއުލާންކޮށްފައެވެ.
ލަންކާގައި ބާއްވާ މިމުބާރާތުގައި ވާދަކުރާނީ ސްރީލަންކާ، ރާއްޖެ، ބަނގްލަދޭޝް އަދި ސީޝެލްސްއެވެ.މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.